އޮބަހައްޓައި ތޮއްޖައްސައިގެން ލިބޭނެ ތަރައްގީއެއް ނޯންނާނެ: ނަޝީދު

އޮބަހައްޓާ ހިފަހައްޓައިގެން ލިބޭނެ އެއްވެސް ތަރައްގީއެއް ނެތްކަމަށާއި އެއީ އިންސާނުން ކުރިއަރާނެ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ލަމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް، ގާނޫނަށް ގެނައި އާ ބަދަލުތަކަށް ކައުންސިލަރުން އަހުލުވެރިކުރުމަށް ކުރޮސްރޯޑްގައި ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލްތަކަށް އަމިއްލަ ބާރު ލިބޭނެ ކަމަށާއި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކައުންސިލްތައް ހިންގުމުގެ ބާރު ލިބޭނެ ކަމަށެވެ. އެ އިސްލާހު ތަކާއެކު މިނިސްޓްރީތަކުން ރަށްރަށުގައި ކުރާ މަސައްކަތްތައް ރަށު ކައުންސިލްތަކަށް ދޫކޮށްލައި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް ޕްރޮޖެކްޓްތައް ހިންގާ ވިލަރެސް ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އެދެމުން އަންނަ ކަންތައް އެ ޕާޓީއަށް ނޯޅޭނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ އުއްމީދު ތަކާއި އިހުސާސްތައް އަދި ކެކުޅުންތައް އެމްޑީޕީއަށް ނޯޅޭ ކަމަށެވެ. "އެމްޑީޕީ އަބަދުވެސް ދެކޭ ނަޒަރިއްޔާތަކީ ހާސްކަމެއް ނެތް ތަނަވަސް ދިރިއުޅުމެއް،" ނަޝީދު ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބާރުތައް ދޫކޮށްލުންކަމަށް ވިދާޅުވެ ނަޝީދު ވަނީ މިދިޔަ ވެރިކަމުގެ ކައުންސިލްތަކުގެ ބާރު މައި ސަރުކާރުން ކޮންޓްރޯލު ކޮށްފައިވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. "މިދިޔަ ފަސްއަހަރު ރައީސް ޔާމީނުގެ ސަރުކާރުގައި އަމާޒު ހިފާފައި ހުރީ މުޅި ދިވެހިރާއްޖެ އުވާލާ، ޖަޒީރާ ދިވެހި ގޮތް އުވާލާ، ހިއްކި ބިމެއްގެ ހަތަރެެސްކަން ގޮޅިއަކަށް ދިވެހިން ގެނެސް އަޅާލާ، އެބިމުގެ ވެއްޔާއި އެކީ ހިމުންވެ ހަފުސްވެ ދާ ދިރިއުޅުމަކަށް ދިވެހިން ގެ ބޯ މަހާ [ލުން] އެކަން ވިޔަކަ ނުދޭނަން،" ރައީސް ނަޝީދު ވިދާޅި އެވެ. މަޖިލިސް ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ފަސް ހަ ސަތޭކައިގެ ކުދި އާބާދީތައް އުޅޭ ވިލެޖުތައް އެބަހުރި ކަމަށާއި އެތަންތަނަކީ ތަރައްގީވެ ކުރިއަރައިގެން ގޮސްފައިވާ ތަންތަން ކަމަށެވެ. އެއްތަނަކަށް އާބާދީ އެއްކޮށް ތޮއްޖައްސައިގެން ތަރައްގީވި އެއްވެސް ގައުމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓަކީ އިންގިލާބީ ބަޖެޓެއްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ އެ ބަޖެޓު ގޭދަވާނެ ގޮތް ނިންމުމަށް ބާއްވާ މަޝްވަރާތަކެއް ކަމަށެވެ. އަންނަ އަހަރިގެ ބަޖެޓުގައި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަ/ސް 1.6 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ