އައިފޯނުގައި ހޯމް ބަޓަން ނެތިގެން ޓްރަމްޕް ކަންބޮޑުވެވަޑައިގެންފި

2017 ގެ ފަހުން އެޕަލް ކުންފުނިން ނެރުން ބައެއް އައިފޯނުތަކުގައި ހޯމް ބަޓަން ނުހިމަނައި ސްކްރީންގައި އިނގިލި ޖައްސާލާފައި މައްޗަށް ދަމާލާގޮތަށް ބަދަލުގެނެސްފައިވުމުން އައިފޯނު ބޭނުންކުރަމުން އައި ބައެއް ކަސްޓަމަރުން ކަންބޮޑުވުން ފާޅުކުރިއެވެ. ފިތަކަށް ފިއްތާލުމަށް އާދަވެ ތިބެފައި ސްކްރީނުގައި އިނގިލިން މައްޗަށް ދަމާލަން އުނދަގޫކަމަށް ބައެއް މީހުން ބުނަމުން ދިޔައެވެ.
މި ބަދަލާ ގުޅިގެން ހިތްޕުޅާނުވި އެއް ބޭފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕް ގެންގުޅުއްވަނީ ސަރުކާރުން ޓްރަމްޕަށް އަރުވާފައިވާ އައިފޯނެއްކަމަށް ވެއެވެ. ހައިރާންވި ކަމަކީ ޓްރަމްޕްގެ ކަންބޮޑުވުން ފާޅުކުރެއްވީ އައިފޯނަށް މި ބަދަލު ގެނައިތާ 2 އަހަރަށްވުރެވެސް ގިނަ ދުވަސް ވީފަހުން ކަމަށްވީތީއެވެ.
ޓްރަމްޕްގެ މި ހިތްޕުޅުހަމަނުޖެހުން ސީދާ އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކޫކް އަށް އަމާޒުކޮށް، ހުކުރު ދުވަހު ޓްރަމްޕް ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ. "ޓިމް އަށް: އައިފޯނުގައި އިންނަ ބަޓަން، މައްޗަށް ދަމާލާގޮތަށް އިނުމަށްވުރެ މާބޮޑަށްވެސް ރަނަގަޅު" ޓްރަމްޕްގެ ޓްވީޓްގައި ލިޔުއްވިއެވެ.
މި ޓްވީޓް އަމާޒުކުރެއްވީ ޓިމް ކޫކް އަށް ކަމަށް ޔަޤީންކުރެވެއެވެ. ޓިމް ވަނީ މީގެ ކުރިން ވިޔަފާރީގެ މުޢާމަލާތްތަކުގައި ޓްރަމްޕް އާއެކު އެތައްފަހަރަކު މަޝްވަރާތައްކުރައްވާފައެވެ.
އެޕަލްގެ އައިފޯނުތަކުގައި ހޯމް ބަޓަން ހިމެނުން ހުއްޓާލީ 2017 ގައި އައިފޯން 10 ތަޢާރަފްކުރުމާއެކުއެވެ. އެކުންފުނިން މިހާރުވެސް އައިފޯން 8 ވިއްކަމުން ދެއެވެ. އޭގައި ހޯމް ބަޓަން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ