ބަދަލަކާއެކު ފުވައްމުލަކު ރިންގްރޯޑުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

ސަރުކާރުން އެމްޓީސިސީ އާއި ހަވާލު ކޮށްފައިވާ ފުވައްމުލަކު ނައިބުތުއްތު ހިނގުން (ރިންގް ރޯޑު) ހެދުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ އެ މަގުގެ ތާރުއެޅުމުގެ މަސައްކަތް ހުކުރު ދުވަހު އެކުންފުނިން ފަށާފައިވަނީ އެ މަޝްރޫއުގެ ޑިޒައިނަށް ސަރުކާރުން ގެންނަން ނިންމި ބަދަލާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.
އެގޮތުން ވެއްޔާއި ސިމެންތި ބޭނުންކޮށްގެން ކުރިން އަޅަން ރޭވި "ބޭސް ކޯސް" ފަށަލަ، ހިލަ ބޭސް ކޯސް (އެގްރިގޭޓް ބޭސް ކޯސް) ފަށަލައަކަށް ވަނީ ބަދަލު ކޮށްފައެވެ. މި ބަދަލާއެކު މަގު ހެދުމުގެ މަސައްކަތް ފެށުމަށް ނިންމީ މީގެކުރިން އެފަދަ މަޝްރޫއުތައް ހިންގުމުގައި ލިބުނު ތަޖުރިބާގެ އަލީގައި، މަޝްރޫއުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ ފުވައްމުލަކު ނައިބުތުއްތު ހިނގުމުގައި ތާރު އެޅުމުގެ މަސައްކަތް ބަދަލަކާއެކު ފަށާފައިވަނީ ކުރިން އެމަގުގައި ތާރުއަޅާ ނިންމާފައި އޮތް ހިސާބުން ކަމަށެވެ.
މި މަޝްރޫޢު ކުރިޔަށްގެންދާނީ ތިންބަޔަކަށް ބަހާލައިގެން މގު ބަންދު ކުރުމަށް ފަހުގައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ގާތްގަނޑަކަށް 32 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާ މިމަޝްރޫއުގައި 24،300 އަކަމީޓަރުގެ ރިންގް ރޯޑެއް ހެދުމާއެކު، ލެޑްބައްތި ޖެހުމާއި ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ.
ފުވައްމުލަކު ނައިބުތުއްތު ހިނގުން (ރިންގްރޯޑް) ގެ ހެދުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ މާޗުމަހުގެ 27 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ