އާތިފް ޝަކޫރަށް މަނީ ލޯންޑަރިން ގާނޫނާ ހިލާފުވުމުގެ ދައުވާ ކޮށްފި

އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މ. އާސްތާނާ، އިބްރާހީމް އާތިފް ޝަކޫރުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުގެ ގާނޫނާ ހިލާފު ވުމުގެ ކުށުގެ ދައުވާ އެވެ. އަދި އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެ ނިންމުން ނިންމީ އާތިފް ޝަކޫރުގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަން ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި އާތިފުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރު ފެބްރުއަރީ މަހު ފޮނުވާފައިވާ ކަމަށް އޭސީސީން އޭރު ބުނެފައިވެ އެވެ.
މި ކަމާ ގުޅިގެން އާތިފް ޝަކޫރު މީގެ ކުރިން ވިދާޅުވެފައި ވަނީ އެސްއޯއެފްއަށް ފިޔަވަޅު ނޭޅުމަށް އެއްވެސް އިރެއްގައި އޭނާ އަންގާފައި ނުވާނެ ކަމަށާއި އެއްވެސް އިއްރެއްގައި އެއްވެސް އެކައުންޓަކާ މެދު ވަކި ގޮތަކަށް ފިޔަވަޅު އަޅަން އަންގާފައި ނުވާނެ ކަމަށާއި އެފްއައިޔޫއަކީ އެފަދަ ކަމެއް ކުރެވޭނެ މެންޑޭޓެއް އޮތް ތަނެއް ވެސް ނޫން ކަމަށެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އޭރު ވެރިކަމުގައި ތިބި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، މަގާމުން އިސްތިއުފާ ދެއްވީ އެކަން ނުހުއްޓުވޭނެކަން އެނގިވަޑައިގެންނެވުމުން ކަމަށް ވެސް އާތިފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ