ހޮސްޕިޓަލުގައި ރައީސަށް ހާއްސަ ކޮޓަރިކޮޅު ވެސް ޑެންގީ ކުލިނިކަކަށް ބަދަލުކޮށްފި

ރާއްޖޭގައި ފެތެރެމުންދާ ޑެންގީ ހުމާ ގުޅިގެން އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، ޖާގަ ދަތިވުމުން ކެޝުއަލިޓީ އޭރިޔާގެ ލޮބީގައި ގާއިމު ކުރި ޑެންގީ ކްލިނިކް، ހޮސްޕިޓަލުގައި ރައީސްލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ އަށް ހާއްސަކޮށްފައިވާ ބަޔަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ޑެންގީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ސްޕެޝަލް ޓާސްކް ފޯހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޑެންގީ ޖެހޭ މީހުންނާއި އެހެން ބަލިތަކުގައި ފަރުވާ ހޯދަން ޖެހޭ މީހުން އިތުރު ވެގެން ފަރުވާދޭ ވޯޑްތަކެއްގައި ގޮތުގައި އިއްޔެން ފެށިގެން ކްލިނިކަކަށް ބަދަލު ކުރި ހޮސްޕިޓަލުގެ ލޮބީގެ ބަދަލުގައި ރައީސަށް ހާއްސަ ކޮޓަރިކޮޅު ކްލިނިކަށް ބަދަލު ކުރީ ލޮބީގައި ޖާގަ ކުޑަވުމާއި ބަލި މީހުން ބޭނުން ކުރާނެ ފާހާނާއެއް އެތާނގައި ނެތުމުގެ އިތުރުން ވެސް ލޮބީގައި ފަރުވާ ދިނުމަށް އުނދަގޫތަކެއް ހުރުމުން ކަމަށެވެ.
"މިއަދު މިހާރު ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި. ބަދަލު ކުރަން ޖެހުނީ ފާހާނާއެއް ވެސް ނެތުމާއި. ޖާގަވެސް މަދުވުމުން. ރައީސަށް ހާއްސަ ބައިގައި ސާދަ ވަރަކަށް ބަލި މީހުންނަށް ފަރުވާ ދެވޭވެ،" އޮފިޝަލު ވިދާޅުވި އެވެ.
ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަންދާ މީހުންގެ އިތުރުވުމާ ގުޅިގެން އައިޖީއެމްއެޗްގެ ފިޒިއޯތެރަޕީ ޑިޕާޓްމަންޓް ވެސް ހާއްސަ ހާލަތެއް އަތުވެއްޖެ ނަމަ ފަރުވާދެވޭނެ އިމަޖެންސީ ވޯޑަކަށް ވަނީ ބަދަލުކޮށްފަ އެވެ.
ޑެންގީ ހުމާ ދެކޮޅަށް ގައުމީ ފެންވަރުގައި ފެށި "ހަނގުރާމަ"އާއެކު ޑެންގީ ހުން ޖެހޭ މިންވަރު ދަށްވެފައިވާ ކަމަށާއި ދެ ހަފުތާއެއްގެ ތެރޭގައި ޑެންގީ ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް ސްޕެޝަލް ޓާސްކް ފޯހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ