އުލިގަމު ސިޓީ ހޮޓާ ތަރައްގީކުރުމުގެ މަސައްކަތް ލަސްވުމަށް ދިމާވީ ހޮޓާ ތަރައްގީކުރާ ބިމުގެ މައްސަލަ ލަސްވުމުން: އެމްޓީޑީސީން

ހއ. އުލިގަމު ސިޓީ ހޮޓާ ތަރައްގީކުރުމުގެ މަސައްކަތް ލަސްވުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، ހޮޓާ ތަރައްގީކުރުމަށް ބޭނުންވާ ބިމުގެ މައްސަލަ ހަމަނުޖެހި ގިނަ ދުވަސްތަކެއްވުން ކަމަށް އެމްޓީޑީސީން ބުނެފިއެވެ.އުލިގަމު ސިޓީ ހޮޓަލުގެ މަސްކަތް ފެށިތާ ތިން އަހަރު ވީއިރު ވެސް އެ ތަނުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށްނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުން ދިއުމާ ގުޅިގެން އެމްޓީޑީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ 2007ވަނަ އަހަރު އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށި ނަމަވެސް ރިސޯޓް ސަރަހައްދަށް އިތުރުކުރަންޖެހޭ ބިމުގެ މައްސަލަ ހަމަޖެހި އަލުން އިމާރާތް ކުރުމުގެ ހުއްދަ ލިބުނީ ހުސްވި އަހަރުގެ ނޮވެމްބަރުމަހުގައި ކަމަށެވެ. އަދި އެފަރާތުން އުލިގަމުގައި ތަރައްގީ ކުރަމުންގެންދާ 50 ކޮޓަރީގެ ސިޓީ ހޮޓަލުގެ މަސައްކަތް ކުރިއަށްގެންދަން ރޭވިފައި އޮތީ އެމްޓީޑީސީން ހަ މިލިޔަން ޑޮލަރު އަދި ލޯނު ފައިސާއިން ދިހަ މިލިޔަން ޑޮލަރާއެކު ޖުމްލަ ސޯޅަ މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި މި ސިޓީހޮޓާ ތަރައްގީ ކުރުމަށް މިހާތަނަށް ގާތްގަނޑަކަށް 6.5 މިލިޔަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ދިހަ މިލިޔަން ޑޮލަރުގެ ލޯނު ފެސިލިޓީ ހޯދުމުގެ މަސައްކަތް ކުރަމުން ގޮސް ލޯނު ފައިސާ ލިބޭނެކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށާއި، ސިޓީހޮޓާ ކުރިއަށް ގެންދިއުމުގައި ސްޓްރެޓެޖިކް ޕާޓްނަރެއް ހޯދުމަށް ކައިރި މުސްތަގުބަލެއްގައި އިއްލާން ކުރާނެ ކަމަށް ވެސް އެމްޓީޑީސީން ބުނެއެވެ. އަދި އެ މަސައްކަތް ކުރިއަށްދާތީ އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ޕްރޮޖެކްޓް ކޮންމެވެސް ވަރަކަށް މަޑުޖައްސައިލުމަށް ކަމަށާއި، ޕްރޮޖެކްޓްގެ މަސައްކަތްތައް އެއްކޮށް ހުއްޓައިލުމަށް ކުންފުނިން ނިންމާފައިނުވާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި ޕްރޮޖެކްޓްގައި މުވައްޒިފުންގެ ތެރެއިން މިވަގުތު ކުރަމުންގެންދާ މަސައްކަތަށް ބޭނުންވާ މުވައްޒިފުން ފިޔަވައި މުވައްޒިފުން މަދުކުރަމުން ގެންދާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި މުޅި ޕްރޮޖެކްޓްގެ މަސައްކަތްތަކުގެ ތެރެއިން ޖޫނިއާ ސްޓާފް ބްލޮކާއި ސީނިއާ ސްޓާފް ބްލޮކްގެ ހުރިހާ މަސައްކަތެއް ނިމި ގެސްޓް ރޫމްތަކުގެ ކޮންކްރީޓާއި، މެޝިނަރީގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި، ސްޓްރެޓެޖިކް ޕާޓްނަރެއް ލިބުމުން މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރަށްވުރެ ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްޓީޑީސީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ