ސިޓީތަކަކީ އެއްބަސްވުމެއް ނޫން، ގާނޫނީ ބުރަދަނެއް ނެތް: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭނެ ކަމަށް ބުނެ ފޮނުވާފައިވާ ސިޓީތަކަކީ އެއްބަސްވުމެއް ނޫން ކަމަށާއި، އޭގައި ގާނޫނީ ބުރަދަނެއްނެތްކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.
ސަރުކާރުން ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރުގެ ބިމެއް ޓީއެމްއޭއަށް ދޭން ނިންމީ، އެ ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭއަށް ދޫކޮށްލަން އުޅޭ ކަމަށް ބުނާ އަޑުތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލް އެކުލަވާލި ހާއްސަ ރިޕޯޓަށް ރިއާޔަތްކޮށްގެންނެވެ.
ނަމަވެސް ޓީއެމްއޭއިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެ ސިޓީތަކެއް ފޮނުވާފައިވާކަމަށްވެސް އެ ކުންފުނިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެ މައްސަލާގައި، އެ ކުންފުނީގެ ބޯޑު މެންބަރުން އިތުރުން މެނޭޖްމަންޓުގެ ބޭފުޅުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، މާލިއްޔަތު ކޮމިޓީގެ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުކުރެއްވީ އެ ސިޓީތަކާ ގުޅުވައިގެންނެވެ.
އެމްއޭސީއެލްގެ ބޯޑުގެ މެމްބަރު ޑރ. އިބްރާހިމް މަހްފޫޒް ވިދާޅުވީ ސީޕްލޭން ޓާމިނަލް ޑިޒައިން ކުރުމުގެ ހިސާބުން ފެށިގެންވެސް ވާހަކަ ދެކެވިފައިވަނީ ގިނަ އޮޕްރޭޓަރުންނަށް ޖާގަލިބޭނެ ވިސްނުމެއްގެ ތެރެއިން ކަމަށެވެ. އަދި އެއްވެސް އިރެއްގައި، ވަކި ބަޔަކަށް ޓާމިނަލް ދިނުމުގެ ނިންމުމެއް އަދި ވިސްނުމެއްވެސް އެމްއޭސީއެލުން ގެންގުޅެފައިނުވާނެ ކަމަށެވެ.
"އޮފާއެއް ދޭ ވަރަށް މަޝްވަރާ ކުރިއަށް ގޮސްފައެއް ނުވޭ. ބޯޑުން ފައިނަލް ކުރެވިގެން ނޫން. އެއީ ލީގަލީ ބައިންޑިންގް އެއްޗެއްކަމަށް ގަބޫލެއްނުކުރެވޭ،" ކުރީގެ ބޯޑާއި އަދި މިހާރުގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ މަހުފޫޒް ވިދާޅުވި އެވެ.
މަހުފޫޒު އިތުރަށް ވިދާޅުވި ގޮތުގައި، ސީޕްލޭން ޓާމިނަލް އާ ގުޅޭގޮތުން، ބޯޑުން ހަމައެކަނި ނިންމާފައިވަނީ އިންވެސްޓްމަންޓު ކުރަން އެންމެ ކުޑަ އަގަކީ އަކަމީޓަރަކަށް 10.35 ޑޮލަރު ކަމަށެވެ. އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އެއަށްވުރެ ކުޑަ ރޭޓަކަށް ދޭން އެދި އައި ހުށަހެޅުންތަކަށް ބޯޑުން ނޫނެކޭ ބުނެފައިވާނެ ކަމަށެވެ.
މަހުފޫޒް އިޝާރާތްކުރެއްވީ، ދެ ފަހަރެއްގެ މަތިން ޓީއެމްއޭއިން ކައުންޓާ ޕްރޮޕޯސަލެއްގެ ގޮތުގައި އަކަމީޓަރަކަކަށް ހަތް ޑޮލަރުގެ އިތުރުން ކޮންމެ ފަސަންޖަރެއްގެ އަތުން ވެސް ހަތް ޑޮލަރު ނަގާ ގޮތަށް ހުށަހެޅި ހުށަހެޅުމަށެވެ.
ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ގިނަ މެމްބަރުން، ޓީއެމްއޭ އިން ދެއްކި ސިޓީތަކުގެ މައްޗަށް ބިނާކުރައްވާ ސުވާލުކުރެއްވީ އެ ސިޓީތަކަކީ ގާނޫނީ ގޮތުން އެމްއޭސީއެލްގެ ކޮމިޓްމެންޓެއް ކަމަށް ބަލައި، އާބިޓްރޭޝަނަށް ހުށަހަޅައިގެން ބޮޑު ބަދަލެއް ދައުލަތުން ދަައްކަން ޖެހިދާނެތޯ އެވެ.
މިއަދުގެ ބައްދަލުވުމުގައި މާލިއްޔަތު ކޮމިޓީގެ މެންބަރުން. -- ފޮޓޯ: މަޖިލީސް
އެކަމަށް ގާނޫނީ ޖަވާބެއް ދެއްވަމުން އެމްއޭސީއެލްގެ އެކްސްޓާނަލް ވަކީލު މަޒްލާން ރަޝީދު ވިދާޅުވީ ގާނޫނީ ޕޮއިންޓެއް ނެގުމުގެ ފުރުސަތު އޮތް ނަމަވެސް، އާބިޓްރޭޝަން މަރުހަލާއަކަށް ދިޔުމުގެ ކުރިން ވަރަށް ގިނަ ކަންކަމަށް ބަލަންޖެހޭނެ ކަމަށެވެ. އެގޮތުން، ހިލާފެއް އުފެދޭ ހާލަތެއްގައި ކުރިއަށްދާނެ ގޮތެއް ދުރާލައި އެއްބަސްވެފައި އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ފިހާރައަކުން އެއްޗެއް ގަތުން ފަދަ ސިމްޕަލް ކަމެއް ނޫން،" މަޒްލާން ވިދާޅުވި އެވެ.
އަސްލު ސިޓީއެއް ނޭނގުނު!
ޓީއޭއެމްއޭއަށް ފޮނުވާފައިވާ ސިޓީތަކުގެ ތެރެއިން، ޑިސެމްބަރު 10، 2017 ގައި ޓީއެމްއޭއަށް ފޮނުވި ސިޓީއަށް ހަވާލާދީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކާ ގުޅިގެން، އެ ސިޓީތަކާމެދު ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ. ސަބަބަކަށްވީ، އަބްދުލްޣަފޫރު ހަވާލާދެއްވި ސިޓީއާ، އެމްއޭސީއެލުން ގެންގުޅުނު ސިޓީގައި އޮތް އިބާރާތް ދިމާނުވާކަން ސާފުވި އެވެ.
އަބްދުލްޣަފޫރު ގެންގުޅުއްވި ސިޓީގައި އެމްއޭސީއެލްގެ ބޯޑުން ޓީއެމްއޭއަށް 31،000 އަކަމީޓަރުގެ ޖާގަ، 15 އަހަރުގެ މުއްދަތަށް ދޭން ބޯޑުން ހުއްދަ ދިން ކަމަށް ސާފުކޮށް ބަޔާންކޮށްފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެނަސް، އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި އެމްއޭސީއެލްގެ ބޭފުޅުން ގެންގުޅުއްވި ސިޓީގައި އެފަދަ އިބާރާތެއް ނެތްކަން ހާމަވި އެވެ.
ފިޔަވަޅު ނާޅާތީ މެންބަރުންގެ ކަންބޮޑުވުން
ޓީއެމްއޭއަށް ދިން ހުރިހާ ސިޓީތަކެއްގައި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރެއް ކަމަށްވާ ހުސެއިން ފަޒީލް ސޮއިކުރައްވާފައިވާއިރު، އޭނާއާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަމާ ގުޅިގެން ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މަހުފޫޒް ވިދާޅުވީ، ފަޒީލްއާ މެދު ފިޔަވަޅު ނާޅަން ނިންމީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިހާރު ފަށާފައިވާ ޖިނާއީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
އެ ސަބަބަށް ބާރު ދެއްވަމުން މަޒްލާން ވިދާޅުވީ ހުރިހާ ލިއުންތަކެއް ހޯދައި، އެއްކުރުމުން މިހާރު ގަބޫލުކުރެވެނީ އެތެރޭގެ ތަހުގީގެއްގެ ބަދަލުގައި ޖިނާއީ ތަހުގީގެއް ހިންގާ ފަރާތްތަކަށް އެއްބާރުލުން ދޭން ޖެހޭ ކަމެވެ.
"ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ވާތީ، އެ ގޯސްތަކާ އެކު ކުރިއަށް ދާން ބޭނުން ނުވާތީ އެކަން ހުއްޓުވަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
މަހުފޫޒް އިތުރަށް ވިދާޅުވި ގޮތުގައި، އެ ސިޓީތައް ޓީއެމްއޭއަށް ދިޔުމުގައި އެމްއޭސީއެލްގެ މެނޭޖްމަންޓު ތެރެއިން މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް، ރޭޓު ކުޑަކުރަން އައި ދެ ހުށަހެޅުން ފިޔަވައި، ބޯޑާ ހަމައަށް މިކަމާ ގުޅޭ އިތުރު މައްސަލައެއް ގެނެސްފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ