އެމެރިކާގެ 46 ވަނަ ރައީސްގެގޮތުގައި ޖޯ ބައިޑެން މަގާމުގެ ހުވާ ކުރައްވައިފި

އެމެރިކާގެ 46 ވަނަ ރައީސްގެގޮތުގައި ޖޯ ބައިޑެން، ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާގެ ގަޑިން މެންދުރު 12:00 ގައެވެ. އެއީ، ރާއްޖޭ ގަޑިން މިރޭ 10:00 އެހާއިރުއެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާގެ ކޮންގްރެސް އިމާރާތުގެ ވެސްޓް ފްރަންޓް މައިދާނުގައެވެ.
ޖޯ ބައިޑެން ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ކަމަލާ ހެރިސްވަނީ އެމެރިކާގެ ނައިބް ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.
ކަމަލާ ހެރިސް ވެވަޑައިގެންނެވީ އެމެރިކާގެ ނައިބް ރައީސްކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ. އަދި އެކަމަނާއަކީ އެމެރިކާގެ ކަޅުނަސްލުގެ ފުރަތަމަ ނައިބް ރައީސްވެސް މެއެވެ.
ކޮވިޑްބަލިމަޑު ހާލަތާ ގުޅިގެން ޖޯ ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވަރަށް މަދު އަދަދެއްގެ މެހްމާނުންނާ އެކުގައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ބައެއް ރައީސުންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންފަދަ ޚާއްސަ ބޭފުޅުން ހިމެނިވަޑައި ގަންނަވައެވެ.
އެމެރިކާގެ ރައީސަކު ހުވާ ކުރައްވާއިރު، އާންމުކޮށް މީހުންނާއިގެން ތޮއްޖެހިފައި އޮންނަ މައިދާން މިރޭ އޮތީ ހުހަށެވެ. މީހުންގެ ބަދަލުގައި މައިދާނުގައި ޖަހާފައިވަނީ ދިދައެވެ.
ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައި ވައިޓް ހައުސްއަށް ވެދެވަޑައި ގެންނެވި މި ވަގުތަކީ އެމެރިކާ ވަރަށް ބޮޑެތި އަދި ފުން ބައިބައިވުންތަކެއްގެ ތެރޭގައި އޮތް ދަނޑިވަޅެކެވެ.
އެމެރިކާގެ ރައީސްކަމުގެ ދައުރު ހަމަވި ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ހިނގާދިޔަ އެތައް ކަމަކާއި، ޓްރަމްޕް ގެންގުޅުއްވި ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ބައިވެރިން އެމެރިކާ އެއްފަރާތްކޮށް، އެމެރިކާ ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރިވެފައިވާ ވަގުތެއްގައެވެ. އެމެރިކާ ބޮޑު ބަލިމަޑު ހާލަތެއްގައި އޮތް ދަނޑިވަޅެކެވެ.
ކޮވިޑްބަލީގައި އެމެރިކާއިން ހަތަރު ލައްކައަށްވުރެ ގިނަމީހުން މަރުވެގޮސްފައިވާއިރު، އެމެރިކާއަކީ ބަލީގެ ހާލަތު ދުނިޔޭގައި އެންމެގޯސްވެފައިވާ ގައުމެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުޚާތަބު ކުރައްވަން ޖޯ ބައިޑެންވަނީ އޭނާގެ ވެރިކަމުގެ އެންމެ މުހިންމު ކަމަކީ ގައުމު އަލުން އެއްބައިވަންތަކުރުން ކަމަށެވެ. ގައުމު އަލުން އެއްބައިވަންތަ ކުރުމާއި، ކޮވިޑް ބަލިމަޑުހާލަތުން އަރައިގަތުމަށް އެމެރިކާ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި، އެއްބައިވަންތަކަމަށް ބައިޑެން ގޮވާލެއްވިއެވެ.
ބައިޑެން ވިދާޅުވީ، އޭނާ ވެވަޑައިގަންނަވަނީ އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ