އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ އިންޑިއާއަށް ވަޑައިގެންފި

އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ އިންޑިއާއަށް ވަޑައިގެންފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ، ސަރަހައްދުގެ ގައުމުތަކާ އިސްތިރާޖީ ގުޅުންތައް ބަދަހިކޮށް ވަރުގަދަ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިކަމުގެ ބޭނުމަކީ، ސަރަހައްދުގައި ޗައިނާއިން ފުޅާކުރަމުންދާ ނުފޫޒު ކުޑަކުރުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ މިއަދު އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރުއާއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕޭއާއި، ޕޮމްޕޭ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕަރއާއި، އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރާއި، އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގާ ދެމެދު ބާއްވާ ޚާއްސަ ސަމިޓް ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕޭއާއި، ދިފާއީ ވަޒީރު މާކް އެސްޕަރ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިއަހަށް އިހްތިރާމްގެ ޒިރާތެއް މާދަމާގެ ވަގުތެއްގައި ކުރައްވާނެ ކަމަށެވެ.
އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕޭ ވިދާޅުވެފައިވަނީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ފަރާތުން އެމެރިކާގެ އެކުވެރި ގައުމުތަކަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމާ ގުޅޭގޮތުން، ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރުން މިދަތުރުފުޅުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އެމެރިކާއާއި، އިންޑިއާގެ އަސްކަރިއްޔާއާ ދެމެދު ގުޅުންތައް ބަދަހިކޮށް ވަރުގަދަ ކުރުމާގުޅޭގޮތުން، އެމެރިކާގެ ޚާރިޖީ ވަޒީރު އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު ވަކިން މަޝްވަރާތައް ބާއްވާނެ ކަމަށް ވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އިންޑިއާއަށްފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ އިތުރުން، ދިވެހިރާއްޖެއަށެވެ.
މައިކް ޕޮމްޕޭ އެންމެފަހުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ