ހާރިޖީ ސިޔާސަތާ މެދު ލަދުގަންނަން ޖެހޭ، ރާއްޖެއަކީ ސަލާންޖަހާ ގައުމަކަށް ވެއްޖެ: ދުންޔާ
ރާއްޖޭގައި މިހާރު މިއޮތް ހާރިޖީ ސިޔާސަތާ މެދު ލަދުގަންނަން ޖެހޭ ކަމަށާއި ރާއްޖެއަކީ އަބަދު އެހީ ހޯދަން ބޭނުންވެފައިވާ، ސަލާން ޖަހާ ގައުމަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ. ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ނުވަތަ ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ގުޅިގެން ފަށާ އިސްލާހީ ހަރަކާތް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ދުންޔާ ވިދާޅުވީ 1965ވަނަ އަހަރު ހޯދި މިނިވަންކަން ގެއްލި، ރާއްޖެ މިއަދު އަޅުވެތިވެފައިވާ ކަމަށެވެ. "ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ބަލާއިރު އަޅުގަނޑުމެން ލަދުގަންނަން ޖެހޭ. އެތައް ހާސް އަހަރެއްގެ އަމިއްލަ މިނިވަން ގައުމެއްގެ ގޮތުގައި، ފަހުރުވެރި ތާރީހެއް އޮތް، ރާއްޖެ މިއަދު މިވަނީ އަޅުވެތިވެފައި. 1965 ވަނަ އަހަރު ރާއްޖެ ހޯދި މިނިވަންކަމެއް މިހާރު މިގައުމުގައި ނެތް. އެ އަހަރުގެ ޖުލައި 26ގައި ރާއްޖެ ކުރި މިނިވަންކަމުގެ މުއާހަދާގެ މަތިން މިއަދު ސަރުކާރު ވަނީ ހަނދާން ނެތިފައި،" އޭނާ ވިދާޅުވި އެވެ. ދުންޔާ ވިދާޅުވީ ރާއްޖެއަށް ލިބިފައި އޮތް މިނިވަންކަން ގެއްލި، ބޭރު ގައުމުތަކުން އަދި ވަކިން ހާއްސަކޮށް އެއް ގައުމަކުން ސަލާންޖަހާ ބަޔަކަށް ރާއްޖެ ބަދަލުވެފައިވާ ކަމަށެވެ. "ބޭރު ގައުމުތަކަށް އަދި ވަކި އެއް ގައުމެއްގެ ކައިރިން ސަލާން ޖަހާ ބަޔަކަށް ވެފައި. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމުގެ ބަދަލުގައި، އަބަދު އެހީ ހޯދަން ބޭނުންވާ ބަޔަކަށް ބަދަލުވެފައި،" ދުންޔާ ވިދާޅުވި އެވެ. ދުންޔާ ވިދާޅުވީ އެދުމެއް ނެތި ވެދުމެއް ނުކުރާނޭ ކާބަފައިން ބުނެ އުޅޭ ފަދައިން، އެއްޗެއް ދޭ ފަރާތެއްގެ ވެސް ވަރަށް ގިނަ އެދުންތަކެއް ހުންނާނެ ކަމަށެވެ. "ކާބަފައިން ބުނެ އުޅޭ އެދުމެއް ނެތި ވެދުމެއް ނުކުރާނޭ. މިއީ ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް. އެއްޗެއް ދޭ މީހާގެ ވެސް ވަރަށް ގިނަ އަމިއްލަ އެދުންތަކެއް އޮންނާނެކަން ގަބޫލުކުރަން ޖެހޭ. އިނގިރޭސިން ބުނަނީނަމަ، 'ދެއާ އިޒް ނޯ ފްރީ ލަންޗް'. އެހީއޭ ކިޔާފައި އެތައް ލޯނު ނަގަމުންދާ ގައުމަކަށް ރާއްޖެ ވެއްޖެ. ވަކި ގައުމަކުން ލޯނު ނެގީމަ އެއަށް ކިޔަނީ ދަރަނީގެ ދަންތުރައޭ،" ދުންޔާ ވިދާޅުވި އެވެ. މީގެ އިތުރުން ދުންޔާ ވިދާޅުވީ އެއްވެސް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބިގެން ނުވާނެ ކަމަށާއި މި ސަރަހައްދާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ގައުމުތަކުގެ މެދުގައި ހިނގަމުންދާ ވާދަވެރިކަމުގެ ތެރޭގައި ރާއްޖެ ތާށިވެގެން ނުވާނެ ކަމަށެވެ. އަލަށް އިފްތިތާހު ކުރި އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އަދި އެމްއެންޑީއެފް ކުރީގެ ކެޕްޓަން އަލީ އިހުސާން، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު، ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދުގެ އިތުރުން ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަން ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ