ބީއެމްއެލްގެ ރިކަވަރީ ލޯނު ސްކީމަށް ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދެނީ

ކޯވިޑް19ގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ރިކަވަރީ ލޯނު ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްދީފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ބީ.އެމް.އެލް މެދުވެރިކޮށް ސަރުކާރުން ތަޢާރަފުކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހުގެ މުއްދަތަކަށް އިތުރުކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
ރިކަވަރީ ލޯނު ސްކީމަކީ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން ތައާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފެށިފައިވާ ސްކީމަކަށް ވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެ މިނިސްޓްރީގެ މަގުސަދެއްކަމަށެވެ.
ރިކަވަރީ ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށްވެސް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ 12 މަހުގެ ގްރޭސްޕީރިއަޑްއަކަށް އެދުމުގެ ފުރުސަތު އޮންނާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ލޯން އިވެލުއޭޓްކުރުމުގައި އެ މިނިސްޓްރީންނާއި ބީ.އެމް.އެލްއިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބަލާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ގްރޭސް ޕީރިއަޑް ހަމަވުމުގެ 30 ދުވަސް ކުރިން ބީ.އެމް.އެލްއަށް އީމެއިލް މެދުވެރިކޮށް އަންގަންޖެހެއެވެ. އަދި ލޯން ސްކީމްގެ ދަށުން ލިބޭ 6 މަހުގެ ގްރޭސް ޕީރިއަޑް ހަމަވެފައި، ނުވަތަ 30 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ވެފައިވާނަމަ، 1 އޭޕްރިލް 2021 ގެ ކުރިން ބީ.އެމް.އެލްއަށް ޕީރިއަޑް އިތުރުކުރުމަށް އެދި އީމެއިލް ކުރެވޭނެއެވެ. އީމެއިލް ކުރަންޖެހެނީ (recoveryscheme@bml.com.mv) އަށެވެ.
ރިކަވަރީ ލޯނު ސްކީމްގެ ދަށުން ބީއެމްއެލްއިން މިހާތަނަށް 419 ކުންފުންޏަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ މުޅި ޖުމްލަ 585.9 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ