ރައީސް ޔާމީން ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެއްދެވި ވާހަކަ ވާކީލުން ދޮގު ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކޮވިޑް 19 ވެކްސިން ޖަހަން ދެކޮޅު ހެއްދެވި ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އާންމު ކުރި މައުލޫމާތު އެމަނިކުފާނުގެ ވަކީލުން ދޮގު ކުރައްވައިފި އެވެ. ކަރެކްޝަނަލް ސާވިސްއިން ބުނީ ރައީސް ޔާމީން ރޭ މާލެ ގެނައުމަށް ފަހު ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެއްދެވުމުން އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ދޮގު މައުލޫމާތެއް ކަރެކްޝަންސްއިން ދީފައިވަނީ ރައީސް ޔާމީން ބަދުނާމު ކޮށް އަގު ވައްޓާލަން ކަމަށެވެ. އަދި އެއީ ކަން ހިނގި ގޮތް ނޫން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް ވެކްސިން ޖަހަން ކަމަށް ބުނެ ރައީސް ޔާމީން ރޭގެ ވަގުތެއްގައި މާލެ ގެނެސް އެއް ނަމްބަރު ޖެޓީ ސަރަހައްދުގައި ފަޅުތެރޭގައި އޮތް ކަމަށެވެ. އެހެން އެތައް އިރެއް ވަންދެން ލޯންޗު އޮތީ ޓްރާންސްޕޯޓު ހަމަ ނުޖެހޭ ކަމަށް ބުނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. "އެމަނިކުފާނު މާލެވެސް ބޭލުމަކާ ނުލައި އެންމެ ފަހުން އެނބުރި މާފުށީ ޖަލަށް ގެންގޮސްފައިވަނީ އެއްވެސް ހާލެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީ އެއް ނޫނެވެ." ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ. ވެކްސިން ޖެހުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ހަމަޖައްސާފައި ނުވާތީ ވެކްސިން ނުޖެހުނީ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. ރައީސް ޔާމީން އަށް ދެރަގޮތެއް ނުވާނެ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއި ގޮތެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޯދަ މަސް ފެށުމުގެ އެއް ދުވަސް ކުރިން ވިދާޅުވެފައެވެ. ސިއްހީ ހާލުކޮޅު ހުރި ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ޕީޕީއެމްއާއި އެމަނިކުފާނުގެ އާއިލާއިން މީގެ ކުރިން އެތައް ފަހަރަކު އެދިފައިވެ އެވެ. އެމްއެމްޕީއާރްސީގެ ފައިސާއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެނންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ