އޭދަފުށިން އިތުރު 25 މީހަކު ޕޮޒިޓިވް ވެއްޖެ

ބ.އޭދަފުށިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް، ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
އޭދަފުށިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެ ކޭސް އާއި ގުޅިގެން 452 ސާމްޕަލެއް އެ ރަށުން ނަގާފައިވާއިރު މި ބައްޔަށް އެންމެފަހުން ޕޮޒިޓިވްވި މީހުންނާއެކު އެ ރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ. އަދި ނަތީޖާ ނުލިބޭ 23 ސާމްޕަލް އެބައޮތް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އޭދަފުށި ކައުންސިލުން ވަނީ އެ ރަށުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.
އެގޮތުން ސައިހޮޓާ / ރެސްޓޯރެންޓް / ގާޑިޔާ ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވަކި މުއްދަތެއް ނެތްގޮތަށް ޚިދުމަތް ދިނުން މެދުކަނޑާލައި ޑެލިވަރީ ކުރުން ނޫން ގޮތަކަށް އެތަންތަނުން ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ.
އަދި ފިރާހަތަކުން ހިދުމަތް ހޯދާއިރު ޑެލިވަރީގެ ޚިދުމަތް ހޯދުމަށް އިސްކަން ދިނުމާއި އެނޫން ގޮތަކަށް ފިހާތަކުން ހިދުމަތް ހޯދާނަމަ، ދިހަ މީހުންނަށްވުރެ އިތުރަށް އެއްފަހަރާ ފިހާރަ ތެރެއަށް ނުވަނުމަށާއި ގައިދުރުކަން އިސްކުރުމަށް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން އާއްމުން ތިބުމަށް ބޭރުގައި ބަހައްޓާފައި ހުންނަ ޖޯލިފަތިތަކާއި އެނޫންވެސް ގޮތަކަށް އެއްވެ އުޅުން މަނާކޮށް، އާންމުން ބޭރަށް ނުކުތުމުގައިވެސް ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުނިކުތުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އޭދަފުށި މިވަގުތު އޮތީ މޮނީޓަރިން ހާލަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ