މި ދައުރުގެ ފަސް ބިލެއް ވަނީ ފޮނުވާފައި، މިހާތަނަށް ޖުމްލަ 76 ބިލެއް ވަނީ ފޮނުވިފައި: ސަރުކާރު

ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރުގެ ފަސް ބިލެއް އެމްޑީޕީއަށް ފޮނުވާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. އޭގެ އިތުރުން މިހާތަނަށް ޖުމްލަ 76 ބިލެއް މި ވެރިކަމުގައި މަޖިލީހަށް ފޮނުވިފައިވާ ކަމަށްވެސް ސަރުކާރުން ބުނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ، މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް މަދުވެފައި ވަނީ ސަރުކާރުން ފޮނުވަންޖެހޭ ބިލުތައް މަޖިލީހަށް ނުފޮނުވާތީ ކަމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިއަދު "ސަން"އަށް ވިދާޅުވީ، މިދިޔަ މަހު މަޖިލިސް މި އަހަރަށް ހުޅުވި ފަހުން ފަސް ބިލެއް މަޖިލިސް ތަޅުމަށް ހުށަހެޅުމަށް އެމްޑީޕީއަށް ފޮނުވާފައިވާ ކަމަށެވެ. "މި ދައުރުގެ ފަސް ބިލެއް ވަނީ އެމްޑީޕީއަށް ފޮނުުވާފައި. މި ހަފްތާތެރޭވެސް އިތުރު ބިލުތަކެއް ފޮނުވޭނެ ކަމަށް ބެލެވޭ،" މަބްރޫކު ވިދާޅުވި އެވެ. ސަރުކާރުގެ ފަރާތުން ބިލުތައް މަޖިލީހަށް ހުށަހަޅަނީ، އެ އިރެއްގައި ވެރިކަން ކުރާ ޕާޓީގެ މެންބަރެއް މެދުވެރިކޮށެވެ. މި ދައުރަށް ޖުމްލަ 33 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް އޮތީ ތާވަލްކޮށްފައެވެ. އެމްޑީޕީއަށް ފޮނުވި ފަސް ބިލު: ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލު އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލު އެއްގަމު ދަތުރުފަތުރުގެ ގާަނޫނަށް އިސްލާހު ގެނައުމުގެ ބިލު މަބްރޫކު ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމޭނޭ 201 ބިލުގެ ތެރެއިން ޖުމްލަ 76 ބިލެއް މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. "2018 ވަނަ އަހަރު ވެރިކަމާ ހަވާލުވިފަހުން، ޖުމްލަ 76 ބިލެއް ވަނީ ފޮނުވާފައި. އޭގެ ތެރެއިން 61 ބިލު މިހާރު އޮތީ ތަސްދީގުކުރައްވާފައި. 15 ބިލެއްގެ މަސައްކަތް މަޖިލިސް ކޮމިޓީތަކުގައި އެބަ ހިނގާ،" މަބްރޫކު ވިދާޅުވި އެވެ. "ދެ އަހަރު ނިމުމުނު ލެޖިސްލޭޓިވް އެޖެންޑާގެ 40 ޕަސަންޓު މިވަނީ ހާސިލްވެފައި. އެހެންވީމަ ލެޖިސްލޭޓިވް އެޖެންޑާ ކާމިޔާބު ކުރުމަށް ހަމަ ރަނގަޅު ސްޕީޑެއްގައި މަސައްކަތް އެބަ ކުރެވޭ،" މަބްރޫކު ވިދާޅުވީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކާމިޔާބު ކުރުމަށް މަޖިލީހުން ވަރަށް ބުރަށްކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ސަރުކާރުން ބަލައި ގަންނަ ކަމަށެވެ. "މަޖިލީހުން ވަރަށް ބުރަކޮށް މަސައްކަތް ކުރާކަން ސަރުކާރުން ގަބޫލު ކުރޭ. އަދި މަޖިލީހުގެ އެއްބާރުން ވަރަށް ބޮޑަށް ލިބޭ. އެކަން ރައީސް ވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި،" މަބްރޫކު ވިދާޅުވި އެވެ. ބިލުތައް ފަރުމާކުރުމުގައި ސަރުކާރުގެ ވިސްނުމަކީ، ވީހާވެސް ގިނަ ރައްޔިތުންނަށް ފައިދާހުރި، އެބިލުން ޖުމްލަ ހައްލުތައް ހޯދައިދިނުންކަމަށްވެސް މަބްރޫކު ވިދާޅުވި އެވެ. "ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކުރުމާއި މިނިސްޓްރީތަކާ ވާހަކަ ދެއްކެވި، ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް، ބޮޑު ޕްރެސެސްއެއް އިންވޯލްވާ ކަމެއް މިއީ،" މަބްރޫކު ވިދާޅުވިއެވެ. އިއްޔެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މިހާތަނަށް މި ދައުރުގައި މަޖިލީހަށް އެއްވެސް ބިލެއް ފޮނުވާފައި ނުވާ ކަމަށެވެ. https://sun.mv/149668
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ