މާލޭ ސަރަހައްދުގެ އުމުރުން 18 އަހަރުން މަތީގެ އެންމެނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހަނީ

މާލޭ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ. މިހާރު ޖަހައިދެނީ އުމުރުން 20 އަހަރުން މަތީގެ މީހުންނަށެވެ.
އެޗްޕީއޭ އިން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 117،115 މީހަކު ވަނީ ވެކްސިން ޖަހައިފައިވާ ކަމަށެވެ.
މިހާތަނަށް ވެކްސިން ޖެހި ޖުމުލަ 117،115 މީހުންގެ ތެރެއިން މާލެއިން 77،251 މީހަކު، އަތޮޅުތެރެއިން 39،874 މީހަކު ވެކްސިން ޖަހާފައިވެ އެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އަދި އިންޑިއާ އިން ފަހުން ވަނީ އިތުރު 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ވެސް ހަދިޔާކޮށްފައެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލިޓީތައް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ