އަނަސްގެ މަރާ ގުޅޭ ހެކިތަކެއް ހޯދަން ފޯނެއް ބޭރަށް ފޮނުުވަނީ

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލައިގެ ތަހުގީގަށް އިތުރު ހެކިތަކެއް ހޯދަން ފޯނެއް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރ. މީދުއަށް އުފަން އަނަސް މަރާލާފައި ވަނީ ޖުލައި 31، 2017 ގައެވެ. އޭނާގެ މަރުގެ މައްސަލާގައި ފުލުހުން ތަހުގީގެއް ހިންގާފައިވީ ނަމަވެސް ރައީސް އުފައްދާފައިވާ މަރު ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕޭނުގައި ރ. އަތޮޅުގެ ކެނޑިޑޭޓުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަނަސް މަރާލި މައްސަލައިގެ ތަހުގީގު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. ނުނިމި އޮތް މަސައްކަތަކީ ފޮރެންސިކް އެވިޑެންސަށް ބޭރަށް ފޮނުވަން ޖެހޭ ފޯނެއްގެ މައްސަލަ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފޯނެއް އެބައޮތް ފޮރެންސިކް އެވިޑަންސަށް ފޮނުވަން ޖެހޭ. އެ ފޯނު ފޮނުވައި ސިންގަޕޫރުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށް ފަހު އެންމެ ފަހުގެ ރިޕޯޓް އަނަސްގެ މަރާ ގުޅިގެން [މަރު] ކޮމިޝަނުން ނެރޭނެ،" ރައީސް ވިދާޅުވި އެވެ.
ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ދިން ހަަމަލާގައި އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާފައިވެ އެެވެ. އެ މައްސަލައާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ