އާ ގާނޫނުގެ ދަށުން ފުލުހުން ހުވާ ކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާއިއެކު، އާ ގާނޫނުގެ ދަށުން ފުލުހުން ހުވާ ކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
އާ ގާނޫނުގެ ދަށުން ފުލުހުންނަކީ ދިވެހި ސިވިލް ސާވަންޓުގެ ގޮތުގައެއް ނުހިމެނޭނެ އެވެ. ފުލުހުންނަކީ މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހާއްސަ ސިފައެއް އާ ގާނޫނުން ވަނީ ދީފަ އެވެ. މީގެ އިތުރުން ފުލުހުންގެ ހިދުމަތަކީ މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި އާ ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ. ހަމަ އެއާއިއެކު ފުލުހުންގެ ވަޒީފާ އަދާކުރާ މީހެއްގެ މައްޗަށް ވަޒީފާ އާއި ބެހޭ ގާނޫނު ދެން ނުހިނގާނެ އެވެ.
މިއަދު ބޭއްވި ހުވާކުރުމުގެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފުލުހުންނަށް ލިބިގެންވާ ބާރުތައް ބޭނުން ކުރަން ވާނީ ހުދޫދެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ހިފަހައްޓަންޖެހޭ ވަކި މިންގަނޑުތަކެއް ކަނޑައެޅިފައިވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މީގެ އިތުރުން ތައައްސުބުން އެއްކިބާވެ ތިބުމަށާއި، ފަރުވާތެރިކަމާއިއެކު ޒިންމާ އަދާކުރުމަށްވެސް އުއްތަމަ ފަނޑިޔާރު ފުލުހުންނަށް އިލްތިމާސް ކުރެއްވި އެވެ. ފުލުހުންގެ ކޮންމެ އަމަލަކަށްވެސް ޖަވާބުދާރީ ވާންޖެހޭނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.
މިއަދު ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ