ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުވާ ތިން މީހަކު ދޫކޮށްލައިފި

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތުވާ ތިން މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުން ދޫކޮށްލާފައިވަނީ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެކެވެ.ފަހުން އެ ތިން މީހުންގެ މައްޗަށް ވެސް ހަމަލާގެ ތުހުމަތު ކުރެވޭތީ، އެ ތަހުގީގު ފެށީ އެވެ.ފަހުމީ އަލީ އާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ މި ތިން މީހުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. ކުރިމިނަލް ކޯޓުން ފޯނަށް ޖަވާބު ނުދޭއިރު އަމުރު އާންމުކޮށްފައެއް ނުވެ އެވެ.މި މީހުން ހައްޔަރުކުރީ ހަމަލާގެ ފަހުން ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ކަމަށްވާއިރު ފަހުން އެ މީހުންގެ މައްޗަށް ހަމަލާއާ ގުޅުން އޮތް ކަމަށް ތުހަމަތު ކުރެވި ތަހުގީގު ކުރިޔަށް ގެންގޮސްފައިވެއެވެ.ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށް އަންނަނީ ތަހުގީގު ހިންގަމުންނެވެ. އޭގެ ތެރޭގައި މިއަދު ދޫކޮށްލި ތިން މީހުން ހިމެނޭއިރު އަނެއް ފަސް މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ.ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނެ އެވެ.އެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ބޭރުގެ މާހިރުންގެ އެހީ އާ އެކުގައެވެ.ބޮމުގެ ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކާ ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް ނަޝީދު މިވަގުތު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ