ސާފް ޗެމްޕިއަންޝިޕް: އެހެން އަހަރުތަކުގެ ނަތީޖާއަށްވުރެ، ރަނގަޅު ނަތީޖާއެއް މިފަހަރު ޤައުމީ ޓީމް ނެރޭނެ: ރައީސް

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ޤައުމީ ޓީމް ކުރިން ނެރުނު ނަތީޖާތަކަށްވުރެ، މިފަހަރުގެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ޓީމް ނެރުމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑް އިއުލާންކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ހާއްސަ ހަފުލާއަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިފަހަރުގެ މުބާރާތައް ޤައުމީ ޓީމް ނުކުންނާނީ ކުރިއާލައި ތައްޔާރު ވެގެން މުބާރާތް ކާމިޔާބު ކުރަން ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރު ވަރަށް ކުރިއާލާ ތައްޔާރުވެގެން ކާމިޔާބީއާ ދިމާލަށް ދިއުމުގެ މިސްރާބުގައި މިތިބީ. އެފްއޭއެމްގެ މަސައްކަތްތައް ވެސް މިހިރީ ވަރަށް ރަނގަޅަށް އިންތިޒާމް ކުރެވިފައި. ޓީމާއި ޓީމުގެ އޮފިޝަލުންގެ ކަންތައްތައް ވެސް އަޅުގަނަޑުމެންނަށް މިވަނީ ކުރިއާލާ އިންތިޒާމް ކުރެވިފައި. އަޅުގަނޑު ދެކެނީ ކުރީގެ ނަތީޖާތަކަށްވުރެ އިރާދަކުރެއްވިޔާ މިފަހަރު މާ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޤައުމީ ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދިނުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހިން އިންޑިޔާއަށް ދާނޭކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ކިރިޔާވެސް ވަގުތެއް ލިބިވަޑައިގެންފިނަމަ ސަޕޯޓްކުރުމަށް އެމަނިކުފާން ވެސް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ފުޓްބޯޅައަކީ ދިވެހިންގެ ލެއާ ގުޅިފައިވާ ކުޅިވަރަކަށްވާއިރު ސަޕޯޓްކުރަން ދިވެހި ސަޕޯޓަރުން އިންޑިއާއަށް ދިއުމުގެ އިންތިޒާމްތައް ވެސް ހަމަޖެހޭނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ ކުޅުންތެރިން ރަނގަޅު ކާމިޔާބީއެއް ހޯދާތަން ދެކެން އަޅުގަނޑުމެން ދާނެކަން. ޔަގީން. ދެ ވޭނެ އިންތިޒާމްތައް ވެސް އަޅުގަނޑަށް ފެންނަގޮތުގައި ހަމަޖެހިގެން އަންނާނެ. އެހިސާބަށް ދާއިރުގައި. ކިރިޔާވެސް ދެވޭނެ ގޮތެއް އޮތްނަމަ އަޅުގަނޑުވެސް ދާނެކަން ޔަގީން" ރައީސް ވިދާޅުވިއެވެ.
ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އިންޑިޔާގެ ނިއު ދިއްލީގެ ނެހްރޫ ސްޓޭޑިއަމްގައި ބާއްވާ ހަތް ވަނަ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ އެފްއޭއެމް އިން ވަނީ ފަސްމެންބަރުގެ ކޮމެޓީއެއްވެސް އެކުލަވާލައިފައެވެ. އެގޮތުން އެކޮމެޓީގެ ޗެއާމަނަކީ އިބްރާހިމް ނޫރައްދީނެވެ. އޭނާއަކީ 1984 ވަނަ އަހަރު އޮތް ފުރަތަމަ ސާފް ގޭމްސްގައި ވާދަކޮށް، ލޯ މެޑަލް ހޯދި ޓީމުގެ ކެޕްޓަންކަންކުރި ކުޅުންތެރިއެކެވެ.
ޤައުމީ ސްކޮޑް އިއުލާން ކުރި އިރު، މުބާރާތަށް ތައްޔާރުވުމަށް ޤައުމީ ފުޓްބޯޅަ ޓީމް އަންނަ މަހުގެ ތިން ވަނަ ދުވަހު ވަނީ ޖަރުމަނަށް ފުރުމަށް ހަމަޖެހިފަ އެވެ. އަދި ޖަރުމަނަށް ޤައުމީ ޓީމް ކުރާ ދަތުރުގައި ބައިވެރިވާ ގޮތަށް ހަމަޖެހިފައި ވަނީ 22 ކުޅުންތެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ