24 ގަޑިއިރު ވިޔަފާރިކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅައިފި

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކަނޑައަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސައި ހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި، ކެންޓީނާ ބެހޭ ގަވާއިދާއި، އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް މާލެއާއި ވިލިމާލޭގައި ހުއްދައަށް އެދެވޭނެ ސަރަހައްދުތައް ކަނއަޅާފައިވާ ކަމަށެވެ.
އެގޮތުން ވިޔަފާރި ކުރެވޭނެ ސަރަހައްދުތަކަކީ ބޮޑުތަކުރުފާނުމަގު، ކަނބާއައިސާރަނި ހިނގުން، ފަރީދީމަގު، ސޯސަންމަގު، މެދުޒިޔާރަތްމަގު، ޖަނަވަރީމަގު، މަޖީދީމަގު، ބުރުޒުމަގު، އޯކިޑްމަގު، އަމީނީމަގު، ލޮނުޒިޔާރަތްމަގުގެ އިތުރަށް ވިލިނގިލީ ފެރީ ޓާމިނަލާއި ޗާންދަނީމަގު އެވެ.
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން މިސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އިކޮނޮމިކް މިނިސްޓްރީގެ ސާވިސް ސެންޓަރަށް ކަމަށާއި އަދި އެކަމަށް ބޭނުންވާ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި އެގޮތަށް ވިޔަފާރި ކުރުމަށް ހުއްދަ ދެވޭނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުގަައި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން ވިޔަފާރިކުރާ ފަރާތްތަކުން ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ