އިންކަމްޓެކްސް ނެގޭނީ 6000 މީހުން އަތުން: ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާ އިންކަމްޓެކްސް ބިލުގެ ދަށުން، ޓެކްސް ނެގޭނީ ގާތްގަނޑަކަށް 6،000 މީހުން އަތުން ކަމަށް ރައީސް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި މިއަދު ކުރިއަށްދިޔަ އެޖެންޑާ 19 ކެމްޕޭން ޕޯސްޓަރު ތަތްކުރަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ހުށަހަޅަނީ ހުރިހާ ހަރަދެއް ކުރުމަށްފަހު މަހަކު 60،000 ރުފިޔާގެ އާމްދަނީއެއް ފޮރުވަން ލިބޭ މީހާގެ އަތުން ޓެކްސް ނެގުމަށް ކަމަށެވެ.
"ކުއްޔަށް، ބޭހަށް، ކިޔެވުމަށް، ކަރަންޓަށާއި ފެނަށް ކެނޑުމަށްފަހު ރައްކާކުރުމަށް 60،000 ރުފިޔާގެ އާމްދަނީއެއް ލިބޭ މީހާގެ އަތުން ޓެކްސް ނަގަން ޖެހޭނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންދާޒާ ކުރެވޭ ގޮތުގައި މިގޮތައް ހިސާބު ޖެހުމުން ރާއްޖޭގައި އިންކަމް ޓެކްސް ދައްކަން ޖެހޭނީ ގާތްގަނޑަކަށް 6،000 މީހުން ކަމަށެވެ.
ޕޯސްޓަރު ހަރުކުރަން ފެށުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އިންކަމްޓެކްސް ނަގަނީ އެއްވެސް މީހަކަށް ގެއްލުންވާ ގޮތައް ނޫން ކަމަށެވެ. އެހެން ނަމަވެސް ޓެކްސް ނެގުމުގެ ސަބަބުން އިތުރަށް ފައިދާ ވެގެންދާނެ ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
"މި ފައިސާ ނަގަނީ އަޅުގަނޑުމެންގެ ތައުލީމަށް ހަރަދު ކުރަން. ބޭސް ފަރުވާއަށް ހަރަދު ކުރަން. ސިއްހަތައް ހަރަދު ކުރަން. ދައުލަތުގެ ދަރަނި އަދާ ކުރުމަށް ހަރަދު ކުރަން. މިފައިސާ ނަގަން ފެށުމުން ދާ އެއްޗަކަށްވުރެ މާގިނަ އެއްޗެއް ލިބިގެންދާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ