ރައީސް މައުމޫނުގެ ބޭސްފަރުވާ އަށް އިހުމާލުވުމުން ދައުވާ ކުރަނީ

ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވެފައިވާތީ، އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށް މިއަދު ފޮނުވައިފި އެވެ.
ރައީސް މައުމޫނު ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ފަރާތުން އެޗްއާރުސީއެމަށް ހުށަހެޅި މައްސަލަ ނިންމައި ދައުވާކުރަން ފޮނުވިކަން އެޗްއާރުސީއެމުން ހާމަކުރި ނަމަވެސް އެ މައްސަލާގައި ދައުވާ ކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަށް ކަމެއް ހާމައެއް ނުކުރެ އެވެ.
އަށް މަސް ދުވަހު ރައީސް މައުމޫނު ޖަލު ބަންދުގައި ހުންނެވި އިރު، އެ ދުވަސްކޮޅު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް އޭރު ތަކުރާރުކޮށް އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހެޅި ނަމަވެސް، އެދެވޭގޮތަށް އެކަން ބަލާފައި ނުވާ ކަމަށް ތުހުމަތު ކުރެވުނެވެ.
އެޗްއާރުސީއެމުން އެ މައްސަލަ އާއި އެފަދަ އެހެން މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅަންފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ރިޔާސީ އިންތިހާބުން ބާކާމިޔާބުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު އެވެ.
އެގޮތުން ރައީސް މައުމޫނުގެ ބޭސްފަރުވަ އަށް އިހުމާލުވުމުގެ މައްސަލާގައި ދައުވާކުރަން ފޮނުވި އިރު، މީގެ ކުރިން ވަނީ ޖަލުގައި ގައިދީއަކު މަރުވި މައްސަލާގައި ވެސް ދައުވާ ކުރަން ފޮނުވާފަ އެވެ. ނަމަވެސް އެއީ ކޮން ގައިދީއެއްގެ މަރުގެ މައްސަލައެއް ކަމެއް އަދި އެ މައްސަލާގައި ދައުވާ ކުރަނީ ކޮން ބަޔަކާ ދެކޮޅަށް ކަމެއް ވެސް އެޗްއާރުސީއެމުން ހާމައެއް ނުކުރެ އެވެ.
އެޗްއާރުސީއެމުން ރައީސް މައުމޫނުގެ ބޭސްފަރުވަ އަށް އިހުމާލުވީ މައްސަލާގައި ދައުވާކުރަން ފޮނުވި އިރު، އެމަނިކުފާނު ވެސް ވަނީ ނުހައްގުން އަނިޔާދިން މީހުން ޖަވާބުދާރީ ކުރުވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ