ކޮންމެ ދުވަހަކު ވެސް ރަނގަޅު ކަންކަން ކުރެވިފައި ހުރި މިންވަރު އަޅައި ކިޔަންޖެހޭ: ފަސްޓް ލޭޑީ

ކޮންމެ ދުވަހެއްގެ ނިމުމުގެ ކުރީން އެމީހަކަށް ރަނގަޅު ކަންކަން ކުރެވިފައިހުރި މިންވަރު އަޅައި ކިޔަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ އެހެން ވިދާޅުވީ، މާފުށީ އެޑިއުކޭޝަނަލް ޓްރެއިނިންގް ސެންޓަރ ފޮރ ޗިލްޑްރެންގައި މިއަދު ފެށި މޯލްޑިވްސް ގައިޑްސް އެސޯސިއޭޝަންގެ 20 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕު އިފްތިތާހް ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފަސްޓް ލޭޑީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔެ ރަނގަޅު ތަނަކަށް ހެދުމަށް އެންމެން ގަދައަޅާ މަސައްކަތްކުންވާނެ ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ކޮންމެދުވަހެއްގެ ނިމުމުގެ ކުރިން ރަނގަޅު ކަންކަން ކުރެވިފައިހުރި މިންވަރު އަޅައި ކިޔަންޖެހޭކަމުގައި ވިދާޅުވިއެވެ.
އޭގެ އިތުރުން ކޭމްޕުގެ ބައިވެރިންނަށް އެ ތަމްރީނުގެ އެހީގައި ދިރިއުޅުމުގެ ގިނަގުނަ އުކުޅުތައް ދަސްވާނެ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ އަދި ޗީފް ގައިޑްގެ ޝަރަފުގައި ގާލް ގައިޑުންގެ ފަރާތުން އޮނާ ގާޑެއް އެރުވިއެވެ. އަދި ކޭމްޕު ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން ކޭމްޕުގެ ދިދަ ނަންގަވައިދެއްވުމަށްފަހު، ތަމްރީން ޕްރޮގްރާމް ހިނގަމުންދިޔަ ބައެއް ކޭމްޕުތަކަށް ވެސް ޒިޔާރަތް ކުރެއްވިއެވެ.
ފަސްޓް ލޭޑީ ފަޒުނާއާއެކު ކޭމްޕު އިފްތިތާހް ކޮށްދެއްވުމުގެ ރަސްމިއްޔާތަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީވެސް މާފުއްޓަށް ވަޑައިގަތެވެ.
މޯލްޑިވްސް ގައިޑްސް އެސޯސިއޭޝަންގެ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ ކޭމްޕެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ