މަޖިލީހަށް އަދާލަތާއެކު ވާދަކުރަން ނިންމައިފިން: ނަޝީދު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީއާއެކު މަސައްކަތްކުރަން އެމްޑީޕީން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު މާބްލް ހޮޓަލުގައި އެމްޑީޕީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް ނަޝީދު ވިދާޅުވީ، އަދާލަތަށް ގޮނޑި ދޫކުރުމާއި މެދު ގައުމީ މަޖިލީހުން ގޮތެއް ނިންމެން ނެތް ކަމަށެވެ. އެކަމަކު، ދާއިރާތަކަށް ޓިކެޓު ލިބުނު ކެންޑިޑޭޓުންނާއި މަޝްވަރާކޮށް އެކަމަށް ގޮތެއް ނިންމިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން، ޕާޓީގެ މަސްލަހަތަށް އަބަދުވެސް އިސްކަން ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވަނީ އަދާލަތު ޕާޓީއާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރުމަށް އެ ޕާޓީއަށް ފަސް ދާއިރާއެއް ދިނުމާއި ގުޅޭ ގޮތުންނެވެ.
އަދާލަތުން ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއާއެކު މަސައްކަތްކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އެހެންކަމުން މިއަދު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އަދާލަތު ޕާޓީއަށް ފަސް ދާއިރާއެއް ދިނުމަށް މަޝްވަރާކޮށްފައެވެ. އެކަމަކު، އެއީ ކޮން ދާއިރާތަކެއް ކަން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ