ޔާމީން ޕާޓީން ފޯމް ހުށަހެޅީ ބަޔަކަށް ނޭނގިކަމުގެ ޝަކުވާއާއެކު މައްސަލަ ބަލަނީ

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވަމުންގެންދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމް ތަކުގައި ބައެއް ފަރާތްތަކުގެ ނަންތައް އެމީހުންނަށް ނޭނގި ހިމަނާފައިވާކަމުގެ ޝަކުވާލިބި އެމައްސަލަ ބަލަން ފަށާފައިވާ ކަމަށް އިލެކްޝަނުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލ؛ެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާލުވީ ޕީއެންސީއިން އިއްޔެ 4000 ފޯމް އިލެކްޝަނަށް ހުށަހެޅުމާއެކު ގިނަ ބަޔަކު އެކޮމިޝަނަށް ގުޅައި އެޕާޓީން ހުށަހެޅި ފޯމް ތަކުގައި އެމީހުންގެ ނަންތައް ހިމަނާފައިވޭތޯ ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ.
"މިއީ އަދި މިހާތަނަށް ކުރެވުނު ޝަކުވާއެއް ނޫން. އެހެން ކަމުން އަޅުގަނޑުމެން ނިންމީ ފޯމްތައް ވެރިފައި ކުރުމަށް. އެހެންވީމަ އެ ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން" ޝަރީފް ވިދާޅުވިއެވެ.
ޕީއެންސީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް 4000 ފޯމް ހުށަހެޅުއްވީ އިއްޔެއެވެ. އިލެކްޝަން ކޮމިޝަނުން ޕީއެންސީއަސް މެމްބަރުން ހަމަކުރުމުގެ ހުއްދަ އަބްދުއް ރަހީމަށް ދީފައި ވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ޖެހިގެން އައި 28 ވަނަ ދުވަހު އެ ޕާޓީއަށް ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަވެއްޖެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެފޯމްތައް އިލެކްޝަނަށް ހުށަހެޅީ އޭގެ 12 ދުވަސް ފަހުންނެވެ.
ޕީއެންސީ އުފެއްދުމަށް ފުރަތަމަ އަބްދުއްރަހީމް ހުށަހެޅުއްވިއިރު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވުމުން އިލެކްޝަނުން ހުއްދަ ދީފައެއް ނުވެއެވެ. އެހެންކަމުން ޕާޓީ އުފެއްދުމަށް އަލުން ހުށަހެޅުއްވީ ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ