ޝަރީއަތް ލައިވް ކޮށްދޭން ޔާމީން އެދިވަޑައިގެންފި

ވ. އާރަށު މައްސަލައިގައި ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ލައިވް ކޮށްދިނުމަށް ޔާމީންގެ ފަރާތުން އެދިވަޑައިގެންފިއެވެ.
މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަ ދައްކަވަމުން ވިދާޅުވީ، މީގެކުރިން ބޭއްވި ޔާމީންގެ އެހެން މައްސަލަތައްވެސް ލައިވްކޮށްފައިވާކަމަށާއި، އިންސާފުވެރި އަދި އަދުލުވެރި ޝަރީއަތެއް ކުރިއަށް ގެންދެވޭނީ ވީހާވެސް ބޮޑަށް ޝަރީއަތް ހުޅުވާލައިގެން ގެންދިއުމުންކަމުގައެވެ.
އެހެންނަމަވެސް މިމައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމްގެ ވަކީލް ވަނީ އަޑުއެހުންތައް ލައިވް ކުރުމާ އިންކާރުކޮށްފައެވެ. އަދި ލައިވްކޮށް ކުރިއަށް ގެންދާނަމަ ޔޫސުފް ނައީމްގެ ބައި ވަކިން ގެންދިއުމަށް އެދިފައިވެއެވެ.
މިކަމާގުޅިގެން ދައުލަތުން ބުނެފައިވަނީ މައްސަލަ ލައިވް ކުރުމަށް އިއުތިރާޒް ނުކުރާ ކަމަށާއި، މިފަދަ މައްސަލަތަކަކީ ސިއްރުން ގެންދަން ޖެހޭ ފަދަ މައްސަލަތަކެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން މައްސަލަބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޖެނުއަރީ 20 ވަނަ ދުވަހު މިކަމުގައި ގޮތެއް ނިންމަވާ ދެފަރާތެއްވެސް އަންގާނެކަމަށެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ދައުވާ އިއްވައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި އަންނަމަހު 10 ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.
އާރަށު މައްސަލައިގެ ތަފްސީލު:
މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ