ހަމަލާ ދިން މީހުން 3 ފަހަރަށް ނަޝީދު އަވަހާރަކޮށްލަން އުޅުނު: ސީޕީ ހަމީދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު 6 ވަނަ ދުވަހު ދިން ހަމަލާގެ ބައިވެރިން 3 ފަހަރަށް ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ ދިނުމުގެ މަސައްކަތް އެމީހުން ފެށީ 2019 ވަނަ އަހަރު ކަމަށާއި އަދި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު މިފަދައިން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން މިހާރު ބާއްވަމުން ގެންދާ ޕްރެސް ބްރީފިންގައެވެ.
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ ހަމަލާ ރާވާފައި ވަނީ ޔާގޫތުގޭ ކައިރީގައި ސައިކަލް ބަހައްޓައިގެން ޖާނުންފިދާވެގެން ވެސް އެ ހަމަލާދޭން ކަމަށް ފުލުހުންނަށް ފާހަގަވެފައި ވާ ކަމަށެވެ.
އޭގެ ފަހުން ރައީސް ނަޝީދު ކަސްރަތުކުރައްވަން ނިކުމެވަޑައިގަންނަވާ ގަޑި ބަލައި، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޭރީބްރައުން ރެސްޓޯރަންޓް ސަރަހައްދުގައި ސައިކަލް ބަހައްޓައިގެން ހަމަލާދޭން އެމީހުން މަސައްކަތް ކުރިއެވެ. އަދި އެތަނުގައި ހަމަލާދޭން މަޝްވަރާކޮށް، އެތަން ބެލުމަށް ފަހު އެކަމަށް އެތަން އެކަށީގެން ނުވާކަމަށް އެމީހުން ނިންމާ 3 ވަނަ ފަހަރަށް ހަމަލާ ރޭވީކަން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒުވެސް ފާހަގަ ކުރެއްވިއެވެ.
ރިޔާޒު ވިދާޅުވީ އޭގެ ފަހުން ނީލޯފަރު ހިނގުމުގައި ސައިކަލް ބަހައްޓައިގެން ހަމަލާދޭން އެމީހުން ރާވަން ފެށީ މިއަހަރުގެ މާޗް މަސް ނުވަތަ އެމަހުގެ ފަހުކޮޅުކަމަށެވެ. އެކަމަށްޓަކައި ހަމަލާދޭން ގަތް ސައިކަލް ހުޅުމާލޭގައި ހުންނަ ގަރާޖަކުން މާޗް މަސްތެރޭ ސާވިސްކޮށް ތައްޔާރު ކުރިކަން ތަހުގީގަށް ހޯދިފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ، މޭ 6 ގެ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލަކީ 2019 ވަނަ އަހަރު ގަނެފައިވާ ސައިކަލެއް ކަމަށެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އެންމެ އިސްކޮށް އުޅުނު އެކަކު މިއަދު ވަނީ އައްޑޫސިޓީން ހައްޔަރު ކޮށްފައެވެ.
ސީޕީ ވިދާޅުވީ، ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމް އައްޑޫސިޓީން ހައްޔަރު ކުރި އިރު މިހާތަނަށް ބެލި ބެލުމުން އޭނާއަކީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު މީހާކަން ފާހަގަ ކުރެވިފައި ވާ ކަަމަށެވެ.
އޭގެ އިތުރުން، ހަމަލާ ރާވައި ހިންގުމުގައި އަމަލީ ގޮތުން އިސް ދައުރެއް އަދާކުރި ކަމުގެ ތަހުމަތުކޮށް މ. ކުދެހިގޭ, އިސްހާގު ގެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.
ސީޕީ ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާތަނަށް 840 އަށް ވުރެ ގިނަ ތަންތަން ބަލައި، 200 އަށް ވުރެ ގިނަ މީހުންނާ ބައްދަލު ކޮށްފައިވާ ކަމަށެވެ.
މި ބްރީފިންގައި ޕޮލިސް ކޮމިޝަނަރުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަދި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ބައިވެރިވެ ވަޑައިގަންނަވައެވެ.
ތަފްސީލު އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ