ދިއްދޫގައި ކޭސްތައް އިތުރުވެ، ކާފިއު ހިންގަނީ

ދިއްދޫގައި ކޮވިޑް ކޭސްތައް އިތުރުވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިމިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެރަށުގެ ޓާސްކް ފޯސްއިން ކައުންސިލަށް ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ.
އެގޮތުން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ. އެވަގުތުގައި އި ގެއިން ބޭރަށް ނުދިއުމަށާއި އަދި ހުއްދަ ދީފައިވާ އެއްގަމު އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުމަށް އެދިފައި ވެއެވެ.
އަދި ފިހާރަތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތަނާއި ހޮޓާ / ރެސްޓޯރެންޓްތައް ހުޅުވާފަ ބެހެއްޓޭނީ ރޭގަނޑު 9:00 ހަމައަށް ކަމަށް ވަނީ ނިންމާފައެވެ. ފިހާރަތަކުން ޑެލިވަރީ ކުރެވޭނީ ރޭގަނޑު 10:00 އަށް ކަމަށާއި ރެސްޓޯރެންޓްތަކުން ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދެވެނީ 09:00 ން 12:00 އަށް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ހޮޓާ / ރެސްޓޯރެންޓްތަކުން ހިދުމަތް ދޭއިރު އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް މީހުން ތިބެވޭނެ އިންތިޒާމު ހަމަޖެއްސުން އަދި ހިދުމަތްދީ ނިމުމުން އެތަންތަން ޑިސްއިންފެކްޓް ކުރުންމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން މަގުމަތީގައި އާއި އެހެނިހެން ތަންތަނުގައިވެސް މީހުން އެއްވެ ނޫޅުމާއި އަދި ޒަރޫރީ ބޭނުންތަކުގައި ނުކުންނައިރު މާސްކު އެޅުމާއިއެކު ގައިދުރުކަން ބެހެއްޓުމަށާއި ފިހާރަ / ރެސްޓޯރެންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅާ އެ ތަންތަނުގެ އެތެރޭގަ އާއި ބޭރުގައިވެސް ގައިދުރުކަން ބެހެއްޓޭނެގޮތަށް 3 ފޫޓް ދުރުގައި ކަސްޓަމަރުން ތިބެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް ވަނީ އަންގާފައެވެ.
ސުކޫލް މަދަރުސާފަދަ ތަންތަނުގައި ގުރޭޑް 7 އިން ދަށުގެ ކުދިން ހާޒިރުކޮށްގެން ކިޔަވައި ދިނުން ހުއްޓާލުމަށާއި ޓިއުޝަން ކުލާސްތަކާއި، ކިޔަވައިދޭ އެހެނިހެންތަންތަނަށް ކުދިން ހާޒިރުކޮށްގެން ކިޔަވައި ދިނުން ހުއްޓާލުމަށް ވެސް އަންގާފައިވެއެވެ.
އެރަށުން ކޭސްތައް ފެތުރެމުންދަނީ މިދިޔަ ނޮވެންބަރު މަހުން ފެށިގެންނެވެ. އެގޮތުން މިހާތަނަށް 515 މީހުން ޕޮޒިޓިވްވެފައިވާކަމަށާއި އަދިވެސް 82 މީހުން އެކްޓިވް ކޭސްގެ ގޮތުގައި އެބަތިބިކަމަށް އެރަށު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އެރަށު ހޮސްޕިޓަލްގެ ޒިންމާދާރު ވެރިޔާ ހުސެއިން ޝިމާން ވިދާޅުވީ ކޭސްތައް އިތުރުވެ 5 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހުނު ކަމަށާއި ކޮވިޑްގައި އެކަކު އެރަށުން ނިޔާވެފައިވާކަމަށެވެ.
އަދި މިވަގުތުވެސް ކޭސްތައް އިތުރުވަމުން ދާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 142 ސާމްޕަލެއްގެ ނަތީޖާ ނުލިބޭކަމަށާއި ގާތްގަނޑަކަށް 4 ދުވަހުގެ ބެކްލޮގެއް އެބައޮތްކަމަށް ޝިމާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ