މުލަކު ފަޅުތެރެއިން އިންސާނެއްގެ ކަށިގަނޑުގެ ބައެއް ފެނިއްޖެ

މ. އަތޮޅު މުލަކު ގޮނޑުދޮށަށް ލައްގާފައި އޮތް އިންސާނެއްގެ ހަށިގަނޑެއްގެ ބައެއް ފެނިއްޖެ އެވެ.
މުލަކު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ އިންސާނެއްގެ ހަށިގަނޑުގެ މަތީބައި ފެނުނީ މިއަދު ހެނދުނު 10:00 ޖަހާކަންހާއިރު އެރަށު އިރުމަތީ އެއްގަމާ ކައިރީ ފަޅުތެރެއިން ކަމަށެވެ. މުހަންމަދު ވިދާޅުވީ ވަރަށް ބޮޑަށް ފޯވެ ހަލާކުވެފައިވާ އެ ހަށިގަނޑަކީ ކޮން ޖިންސެއްގެ ހަށިގަނޑެއްކަން ވަކިކުރަން ނޭންގޭ ކަމަށެވެ.
"ލޮނުމަސް ހިއްކާ އަވީލާން އުޅުނު މީހަކު ލޮނު ބާލިދީ އެއް ބަލާދިޔަ ވަގުތު ހަށިގަނޑު ފެނުނީ. ފެނުނުއިރު ދެ އަތާ އެއްފައި ނެތް. އެއްފައިގެ ކަކުލުން މަތި އޮތީ. މާބޮޑު ވަހެއް ނުދުވާ. ވަރަށް ބޮޑަށް ހަލާކުވެފައި އޮތީ ވެސް. އެކަމަކު ވެސް ކުޑަކޮށް ހުރޭ ކުނި ވަހެއް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަށިގަނޑު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ވަޅުނުލައި ހަށިގަނޑު ބާއްވާފައި އޮތީ ހަށިގަނޑުގެ ޑީއެންއޭ ހެދުމަށް ފުލުހުން ބޭނުންވާތީ ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ މުލަކު ފަޅުތެރެއަށް ލައްގާފައި އޮއްވައި ފެނުނު މީހާގެ ގައިގައި ކޮންމެ ވެސް ވަރަކަށް މަސް ހުރި އިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފޮއްސި ވެފައި ކަމަށެވެ. އަދި ބޮލުގެ ކަށިތަކާއި ދަތްތައް ވެސް ފެންނަން ހުރި ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މުލަކު ގޮނޑުދޮށުން ކާކުކަން ނޭންގޭ މީހެއްގެ ހަށިގަނޑު މިއަދު ފެނިފައި މިވަނީ ޅ. ނައިފަރުން ފުރައިގެން މާލެ އައި ބޯޓަކުން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށެވެ. ނައިފަރު، ދުނި، ހަމީދާ އަބްދުﷲ، 21 ގެއްލިގެން ހޯދާތާ ފަސް ދުވަސްވީއިރު، މިހާތަނަށް ވެސް އޭނާގެ ހަބަރެއް ވެފައެއް ނުވެ އެވެ. ހަމީދާ ގެއްލުނުކަން އެނގުނީ ބޯޓު ފުރައިގެން އެ އަތޮޅު ކުރެންދުއާ ހިސާބަށް ދެވުނު ފަހުން ކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ