ދެ ޕާޓީގެ ކުރިމަތިލުމެއްގައި ތުއްތު ކުއްޖަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދުއަށް އިއްޔެ ވަޑައިގެން ބޭއްވި ހިނގާލުން ކުރިއަށް ދިޔަ ވަގުތު އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓާރުންނާ ދެމެދު ހިނގައި ދިޔަ ހަމަނުޖެހުންތަކެއްގައި ދެ އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު އެމްޑީޕީން ދިއްދޫގައި ބޭއްވި ހިނގާލުމާ ގުޅިގެން ޕީޕީއެމްގެ ސަޕޯޓާރުންނާ އާއި އެމްޑިޕީގެ ސަޕޯޓާރުންނާ ދެމެދު ހިނގައި ދިޔަ ކުރިމަތިލުންތަކުގައި އާންމު ރައްޔިތެއްގެ ފަރާތުން ދެ އަހަރުގެ ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ ޝަކުވާ ލިބެގެން އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ ދިއްދޫގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު ކުއްޖާގެ ބެލެނިވެރިޔާ ކަމަށެވެ. އަދި އެކުއްޖާ އަށް އަނިޔާވެފައި ވަނީ ދެބައިމީހުންގެ ދެމެދުގައި އެއްޗެއްހި އުކި ވަގުތު މީހަކު އެއްލި އެއްޗަކުންޖެހިގެން ކަމަށް ކުއްޖާގެ އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެ ކުއްޖާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއްވަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއްޔެ ހަމަނުޖެހުން ހިނގީ އެމްޑީޕީގެ ހިނގާލުމުގެ ބައިވެރިން އެ ރަށު ޕީޕީއެމްގެ ޖަގަހައާ އަރާ ހަމަވި ހިސާބުން ކަމަށެވެ.
އަދި ދިއްދޫގައި ހުންނަ ޕީޕީއެމް ޖަގަހަ ކުރިމަތީ ހިންގި ހަމަނުޖެހުމުގައި އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް ވެލިޖަހައި ގާއުކައި އެކިވަރުގެ ކުރިމަތިލުންތައް ހިނގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް އެ މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ރޭ އެމްޑީޕީން ދިއްދޫގައި ބޭއްވި ޖަލްސާ ކުރިޔަށްދިޔަ ވަގުތު އެސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެފަ އެވެ.
ރައީސް ނަޝީދު އިއްޔެ ދިއްދުއަށް ވަޑައިގަތީ ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ