މީޑިއާ ކައުންސިލާއި ބްރޮޑްކޮމް އެއްކޮށްލުމުން ސަލާމަތްވީ އެންމެ ދެ ލައްކަ ރުފިޔާ މީޑިއާ ކައުންސިލާއި ބްރޮޑްކޮމް އެއްކޮށްލުމުން ސަލާމަތްވީ އެންމެ ދެ ލައްކަ ރުފިޔާ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އުވާލައި، އެ ދެ ކޮމިޝަން އެއްކޮށްލައިގެން ކޮންޓްރޯލް ކޮމިޝަން އުފެއްދުމުން ސަލާމަތްކުރެވުނީ އެންމެ ދެ ލައްކަ ރުފިޔާކަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ދައްކައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބެޖެޓުގައި ކޮންޓްރޯލް ކޮމިޝަނަށް ކަނޑައަޅާފައި ވަނީ 16.32 މިލިއަން ރުފިޔާ އެވެ. އެމްއެމްސީ އާއި ބްރޮޑްކޮމްއަށް މި އަހަރު ކަނޑައެލި ބަޖެޓު އެއްކޮށްލުމުން ލިބެނީ 16.08 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ދެ ކޮމިޝަން އެއްކޮށްލުމުން ސަލާމަތް ކުރެވުނީ އެންމެ 243،760ރ. އެވެ.
މި އަހަރުގެ ބަޖެޓުގައި އެމްއެމްސީއަށް 4.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބްރޮޑްކޮމްއަށް ކަނޑައަޅާފައި އޮތީ 11.54 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން އަޑީގައި އޮވެގެން މީޑިއާތައް ކޮންޓްރޯލްކުރާ ބިލު މަޖިލީހަށް ހުށަހެޅުމުން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން އޭރު ވަނީ ބްރޮޑްކޮމް އާއި އެމްއެމްސީ އެއްކޮށްލުމުން ދައުލަތުގެ ބަޖެޓަށް ބޮޑުތަނުން ލުއިވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީޑިއާތައް ކޮންޓްރޯލްކުރާ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު، އަބްދުލް ހަންނާން އަބޫބަކުރު އޭރު ވިދާޅުވީ ދެ ކޮމިޝަން އެއްކޮށްލައި ކޮންޓްރޯލް ކޮމިޝަން އުފެއްދުމުން މީޑިއާތައް ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ހަރަދު ކުޑަވާނެ ކަމަށެވެ.
އޭނާ އޭރު ވިދާޅުވީ އެމްއެމްސީ އާއި ބްރޮޑްކޮމްއަކީ ބޭކަރު ބޮޑެތި ހަރަދުތަކެއް ހިނގާ ބާރެއް ނެތް ދެ މުއައްސަސާ ކާމަށެވެ.
މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ އެމްއެމްސީ އާއި ބްރޮޑްކޮމް އެއްކޮށްލުމުން ހަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް މާލިއްޔަތު ކޮމިޓީން ފެބްރުއަރީ މަހުގެ ތެރޭގައި މުހައްމަދު މުއިއްޒުއަށް ލަފާ އެރުވި އެވެ.
މާލިއްޔަތު ކޮމިޓީން މުއިއްޒަށް އެ ލަފާ އެރުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރު ދުވަހަށް އެޅުމަށް ނިންމާފައިވާ ބައެއް ފިޔަވަޅުތަކަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވުމުންނެވެ.
"މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިފި ނަމަ، އެފިޝިއެންސީ އިތުރުކުރެވި، ހަރަދުތައް ބޮޑު ތަނުން ކުޑަކުރެވޭނެ،" ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް ކުރިން ވެސް އަންދާޒާ ކުރެވުނު ގޮތަށް ދެ ކޮމިޝަން އެއްކޮށްލައިގެން ދައުލަތުގެ ބަޖެޓަށް މާ ބޮޑު ލުޔެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ