ލަންކާއަށް އެހީތެރިވުމަށް އދ އިން 4.5 މިލިއަން ޑޮލަރު ދީފި
ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާން 'ދީތްވާ' ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އދ ގެ ސެންޓްރަލް އިމަޖެންސީ ރެސްޕޮންސް ފަންޑު (ސީއީއާރްއެފް) އިން 4.5 މިލިއަން ޑޮލަރު ދީފިއެވެ. މި ފައިސާގެ އެހީއިން ފެންބޮޑުވުމާއި، ވިއްސާރައިގެ ސަބަބުން އެންމެ ނޭދެވޭ އަސަރުކޮށްފައިވާ ފަރާތްތަކަށް ކާބޯތަކެތީގެ އެހީއާއި، ބޯހިޔާވަހިކަމުގެ އެހީތެރިކަމާއި، ފެނާއި، ސާފުތާހިރުކަމަށް ބޭނުންކުރާ ސާމާނުވެސް ފޯރުކޮށްދެވޭނެއެވެ. ތޫފާނުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަންނަން ލަންކާއިން މަސައްކަތްކުރަމުންދާއިރު، ބޯހިޔާވަހިކަމާއި އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގެއްލުން ލިބިފައިވާ މިންވަރު ދެނެގަތުމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ކުރިން ލަފާކުރިވަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ގެއްލުމުން އަރައިގަނެ، ގައުމު އާރާސްތު ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އަވަސް އެހީތެރިކަމަށް ލަންކާ ވަނީ ބޭނުންވެފައެވެ. ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައިވާ ލަންކާގެ ސަރަހައްދެއް -- ފޮޓޯ/ އޭޕީ "މި ފަންޑު ލަންކާއަށް މި ލިބެނީ ވަރަށް މުހިންމު ދަނޑިވަޅެއްގައި. ތޫފާން 'ދީތްވާ' ގެ ސަބަބުން މުޅި ގައުމު ފުނޑުފުނޑުކޮށްލާފައިވާއިރު، ގިނަ އާއިލާތަކެއް އަދިވެސް ދަނީ ދުވަހުން ދުވަހަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އެދެމުން." ލަންކާގައި ހުންނަވާ އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު މާކް އަންދްރޭ ފްރާންޗޭ ވިދާޅުވިއެވެ. ހަމައެއާއެކު ސަރުކާރާއި، މަދަނީ ޖަމިއްޔާތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކާ ގުޅިގެން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނޮވެމްބަރު 28 ވަނަ ދުވަހު ލަންކާއަށް އެރި ތޫފާން 'ދީތްވާ' އާ ގުޅިގެން ކުރި ވިއްސާރައިގައި ލަންކާގެ ބޮޑު ސަރަހައްދަކަށް ފެންބޮޑުވެ، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. ވިއްސާރައާ ގުޅިގެން 75،000 އަށް ވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާއިރު، އޭގެ ތެރެއިން 5،000 އަށް ވުރެ ގިނަ ގެ ވަނީ އެއްކޮށް ހަލާކުވެފައެވެ. ގެއްލުމުން އަރައިގަނެ ގައުމު އަލުން އާރާސްތު ކުރުމަށް ގާތްގަޑަކަށް ހަތް ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ