ރަސްމާލޭގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލޭގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ބައްލަވާލައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ ރަސްމާލޭގެ ބިން ހިއްކަމުން ދަނީ އެކި ސަރަހައްދުތައް އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި، އޭގެ ތެރެއިން ތިން ސަރަހައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ސައިޓް-ޖޭ އެއްކޮށް ހިއްކާފައިވާ ކަމަށާއި، ސައިޓް-އެލް ގެ 25.53 ޕަސެންޓު، އަދި ސައިޓް-ސީގެ 20.09 ޕަސެންޓު މިހާރު ހިއްކާފައިވާ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ފަސް މަސް ދުވަހުގެ ތެރޭ ރަސްމާލޭގައި ހިއްކާ ބިމުން 15,000 ގޯތި ދޫކުރުމަށް އިއުލާނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ރަސްމާލެ މިހާތަނަށް ހިއްކާފައިވާ މިންވަރު -- ފޮޓޯ/ ރައީސް އޮފީސް އަދި ރަސްމާލޭން ބޯހިޔާވަހިކަން ދިނުމުގައި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ މީހުން ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އިސްކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު އިތުރު ޑްރެޖަރުތަކާއެކު ރަސްމާލޭގެ ބިން ހިއްކުން ތިން ގުނަ ހަލުވިވެގެން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ ޑިސެންބަރު 18، 2023 ގައި ކަމަށްވާއިރު އެ މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ބުނެއެވެ. އެ ސަރަހައްދުގެ ހައުސިން މަޝްރޫޢުގެ ދަށުން ފުރަތަމަ 15،000 ހައުސިން ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރު ވެސް ވަނީ ހަވާލުކޮށްފައެވެ. ރަސްމާލެ ހިއްކުން -- ފޮޓޯ/ ރައީސް އޮފީސް ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވާނީ އިންޑިޔާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށް ކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާ ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފުކުރާނެ މަޝްރޫއެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކަން ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ. އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ)އާ އެކުގައެވެ. އެކަމަކު، ސަރުކާރުން ވަނީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކޮށްފައެވެ. އެކި ސަބަބުތަކާ ހެދި، ރަސްމާލެ ހިއްކުން އެކި ފަހަރު މަތިން ހުއްޓިފައި ވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ