ކުރީ ސަރުކާރުން ނުދައްކާ 'ފުނިޖައްސާފައި' ހުރި 1،040 ފަރާތަކަށް 444 މިލިއަން ރުފިޔާ ދައްކައިފިން: ރައީސް
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މިއަދާ ހަމައަށް މިދިޔަ ސަރުކާރުން ފައިސާ ނުދައްކާ 'ފުނިޖައްސާފައި' ހުރި 1،040 ފަރާތަކަށް 444.3 މިލިއަން ރުފިޔާ ފައިސާ ޗާޕުނުކޮށް ދައްކާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީން މިރޭ ބޭއްވި ބޮޑު އެއްވުމުގައި އެ މަނިކުފާނު ވިދާޅުވީ، ހުރިހާ ކަމެއް ކުރަމުން ދާއިރު ވެސް ރާއްޖޭގެ އިގުތިޞާދު ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ. އެ ކަމުގެ ތެރެއިން، މިދިޔަ ސަރުކާރުން ނުދައްކާ 'ފުނި ޖައްސާފައި' ހުރި ބިލުތަކަށް ފައިސާ ވެސް ދައްކަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ މަހުގެ ދެވަނަ ދުވަހު އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ޚަލާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު ޕީއެންސީ ޖަލްސާގައި: ވިދާޅުވީ ފައިސާ ޗާޕުނުކޮށް، ހަފުތާއެއް ތެރޭ 1،040 ފަރާތަކަށް، 444.3 މިލިއަން ރުފިޔާ ދައްކައިފިން ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް އެ ވައުދުފުޅާ އެއްގޮތަށް ފަސް ހަފުތާ ވިއިރު ބިލުތައް ދައްކަން ފަށައިފިން ކަމަށާއި މިއަދާ ހަމައަށް 1،040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދައްކާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ފަސް ހަފުތާވީ މި މަހުގެ ކުރީކޮޅަށް. ފަސް ހަފުތާ ވީ ތަނާ ހެން ބިލުތައް ދަައްކަން ފެށި ގޮތަށް، މިއަދުގެ މިގަޑިއާ ހަމައަށް އައިރުގައި ތަފާތު 1،040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދެވިއްޖެ. އެއީ، ޖުމުލަ 444.3 މިލިއަން ރުފިޔާރައީސް ޑރ. މުޙައްމަދު މުއިއްޒު ކޮންމެ ދުވަހަކު ބިލުތަކަށް ފައިސާ ދައްކަމުން ގޮސް، ހުރިހާ ބިލަކަށް ފައިސާ ދައްކައިދީ ނިމެންދެން އެކަން ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެއިތުރަށް، އެއީ، މިދިޔަ ސަރުކާރުން އެކި މަސައްކަތް ކުރުވާފައި މީހުންނަށް ދެރަދީފައި ހުރި ބިލުތަކެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ބިލުތަކަށް ފައިސާ ދައްކަނީ ފައިސާ ޗާޕުނުކޮށް ކަމަށެވެ. އެ ކަން ކުރާ ކަން ބޭނުމެއް ނޫން ކަމަށާއި މަސައްކަތް ކުރަމުން ދާނީ އެ މަނިކުފާނުގެ ވައުދުފުޅުތަކާ އެއްގޮތަށް ކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ޕީއެންސީގެ ބައެއް އިސްވެރިން މިރޭގެ ބޮޑު ޖަލްސާގައި --- ސަން ފޮޓޯ/ މޫސާ ނަދީމް އެއާއެކު، މި ގައުމުގެ އިގުތިޞާދު ކޮޅަށް ޖަހަނީ ރޭވުންތެރިކަމާ އެކީގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ، އެމްއެމްއޭއާއެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ 2.5 ބިލިއަން ރުފިޔާގެ މުއާމަލާތެއް ކަމަށްވާއިރު، ފިނޭންސް މިނިސްޓްރީން ރަސްމީކޮށް އެކަން ހާމަކޮށްފައިނުވެއެވެ. https://sun.mv/212911 ރާއްޖޭގެ އޮންލައިން ނޫހެއްގައިވަނީ، އެ ފައިސާ ބޭނުންކުރާނީ ރައީސްގެ ވައުދާ އެއްގޮތަށް ބިލްތަކަށް ފައިސާ ދައްކަން ކަމަށް ރިޕޯޓުކޮށްފައެވެ. އެ މުއާމަލާތާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އެއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ސަރުކާރުގެ އެކި ފަންތީގެ އޮފިޝަލުން އަންނަނީ ވިދާޅުވަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ، ޕެންޝަން އޮފީހާއި އެމްއެމްއޭއިން ކުރާ މުއާމަލާތުގެ އިގުތިސާދީ ނަތީޖާއަކީ ހަމަ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ