ސެމްސަން ގެލެކްސީ ބަޑްސް 4 ގެ ޑިޒައިން ލީކްކޮށްލައިފި
ސެމްސަންގުން ދެން ނެރުމަށް ތައްޔާރުވަމުންދާ ޓްރޫ ވަޔަލެސް ސްޓީރިއޯ (ޓީޑަބްލިއުއެސް) އިއާބަޑްސް، ގެލެކްސީ ބަޑްސް 4 ގެ ޑިޒައިން ރެންޑާތަކާއި ބައެއް މުހިއްމު ތަފްސީލުތައް ލީކްކޮށްލައިފިއެވެ. މި މަޢުލޫމާތުތައް އާންމުކޮށްފައިވަނީ މަޝްހޫރު ލީކަރެއް ކަމަށްވާ "އޮންލީކްސް" (ސްޓީވް ހެމާސްޓާފާ) އާއި "މައި ސްމާޓް ޕްރައިސް" ގުޅިގެންނެވެ. މީގެ ސަބަބުން މި ބަޑްސްއަށް އޮތް އިންތިޒާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މަޢުލޫމާތުތައް ލީކުކުރުމުގައި ފާހަގަކޮށްލެވޭ "އޮންލީކްސް" އަކީ އެތައް ފަހަރެއްގެ މަތިން ސެމްސަންގާއި އެހެނިހެން ބްރޭންޑްތަކުގެ އާ ޑިވައިސްތަކުގެ ސައްހަ މައުލޫމާތާއި ތަފްސީލުތައް ލީކުކޮށްފައިވާ ފަރާތެކެވެ. މި ފަހަރުގެ ލީކުން ދައްކާ ގޮތުގައި ގެލެކްސީ ބަޑްސް 4 ގެ ޑިޒައިނަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެހެންކަމުން މި މަޢުލޫމާތުތަކަށް ސަމާލުކަންދިނުން މުހިއްމެވެ. ލީކުވި ރެންޑާތަކުން ދައްކާ ގޮތުގައި، ގެލެކްސީ ބަޑްސް 4 ގެ އިއާބަޑްސްތައް ކުރީގެ މޮޑެލްތަކަށް ވުރެ ކޮމްޕެކްޓްވެފައި، އާ ބައްޓަމަކަށް ބަދަލުވެފައިވެއެވެ. މި ބަޑްސްތަކުގައި ކުރިން އޮތް ސްޓެމްގެ ޑިޒައިނަށް ބަދަލެއް އައިސްފައިވާއިރު، އަޑުއިވޭ ބަޔަށް ޚާއްސަ ކުޑަ ލީޑެއް ހިމެނޭކަމަށް ވެއެވެ. މި ބަދަލުތަކުގެ ސަބަބުން އަޑުގެ ފެންވަރާއި ބޭނުންކުރުމުގެ ފަސޭހަކަން އިތުރުވެގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ޗާޖިން ކޭސްގެ ޑިޒައިނަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ކުރީގެ ގެލެކްސީ ބަޑްސްގެ ކޭސްތައް އާންމުކޮށް އޯވަލް ބައްޓަމަށް ހުންނައިރު، ގެލެކްސީ ބަޑްސް 4 ގެ ކޭސް ފެންނަނީ ކޮންމެވެސް ވަރަކަށް ހަތަރެސްކަން (ސްކުއަރޑް-އޮފް) ބައްޓަމަކަށެވެ. މީގެ ސަބަބުން ކޭސް ހިފައިގެން އުޅުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިފަދަ ލީކުތަކަކީ އާންމުކޮށް ސެމްސަންގުން އާ ޕްރޮޑަކްޓްތައް ނެރުމުގެ ކުރިން ފެންނަ ކަންކަމަށްވާއިރު، ގެލެކްސީ ބަޑްސް 4 ރަސްމީކޮށް ތަޢާރަފުކުރާނެ ވަގުތެއް އަދި ސެމްސަންގުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ލީކުތައް ފެންނަން ފެށުމުން، މިއަހަރުގެ ތެރޭގައި ބާއްވާ ގެލެކްސީ އަންޕެކްޑް އިވެންޓެއްގައި މި ބަޑްސް ތަޢާރަފުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އިތުރު ތަފްސީލުތައް އެ އިވެންޓުން ހާމަވާނެ ކަމަށް އުންމީދުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ