ޖެމިނައި 3، ޓެސްޓަކުން ފެއިލްވެ، ހިމަބިހި ވައިރަސް އުފައްދާނެ މައުލޫމާތު ދީފި

ގޫގުލްގެ އެންމެފަހުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ކަމަށްވާ ޖެމިނައި 3 އިން ސިކުންތުކޮޅެއްގެ ތެރޭގައި އޭގެ ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލައި، އިންސާނިއްޔަތަށް ނުރައްކާތެރި މަޢުލޫމާތު، ޚާއްސަކޮށް ސްމޯލްޕޮކްސް (ހިމަބިހި) ވައިރަސް އުފައްދާނެ ގޮތް ހާމަކޮށްފި ކަމަށް ރިޕޯޓެއްގައި ބުނެފިއެވެ. ދެކުނު ކޮރެޔާގެ ނޫހެއް ކަމަށްވާ "މެއިލް ބިޒްނަސް ނިއުސްޕޭޕާ" އިން ހާމަކޮށްފައިވާ ގޮތުގައި، އެގައުމުގެ ސްޓާޓްއަޕެއް ކަމަށްވާ "އެއިމް އިންޓެލިޖެންސް" އިން ވަނީ މާބޮޑު އުނދަގުލަކާ ނުލައި ގޫގުލްގެ އޭއައި ޗެޓްބޮޓް "ޖެއިލްބްރޭކް" ކޮށްފައެވެ. މި ސްޓާޓްއަޕް ޚާއްޞަވެފައިވަނީ "ރެޑް-ޓީމިން" އަށެވެ. މީގެ މާނައަކީ އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ނިޒާމުގައި ހުންނަ ބަލިކަށިކަން ދެނެގަނެ ހާމަކުރުމަށްޓަކައި އެ މޮޑެލްތައް "ސްޓްރެސް-ޓެސްޓް" ކުރުމެވެ. ޖެއިލްބްރޭކް ކުރުމަކީ، އޭއައި މޮޑެލްއެއް ޑިޒައިންކޮށްފައިވާ ގޮތާ ޚިލާފު ކަންކަން އެ މޮޑެލް ލައްވާ ކުރުވުމަށްޓަކައި، ޕްރޮމްޕްޓް ބޭނުންކޮށްގެން (ސިސްޓަމްގެ ތެރެއަށް ނުވަދެ) އެކަން ކުރުމެވެ. https://sun.mv/214143 މި ހާދިސާއަކީ އޭއައިގެ ނުރައްކާތެރިކަމާއި، މިފަދަ ބާރުގަދަ މޮޑެލްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އަލުން ފާހަގަ ކުރާ ކަމެކެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ޖެމިނައި 3 ގެ ސަލާމަތީ ނިޒާމު "ޖެއިލްބްރޭކް" ކުރެވުނީ ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މާނައަކީ، އޭއައިގެ ބޭނުންކުރުން ހުއްދަ ނޫން މަސައްކަތްތަކަށް ހިފެހެއްޓުމަށް ގޫގުލުން އަޅާފައިވާ ހުރަސްތައް ނެތިކޮށްލެވުނު ކަމެވެ. މިކަމުގެ ސަބަބުން، އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ބޮޑެތި ސުވާލުތައް އުފެދި، އޭގެ ރައްކާތެރިކަމާއި، ސަލާމަތީ ގޮތުން ހިފަހައްޓަންޖެހޭ ހިފެހެއްޓުންތައް ކިހާވަރަކަށް ހިފެހެއްޓިފައިވޭތޯ އާއި، އެ ފަދަ ސެކިއުރިޓީތައް ދުއްވާލެވިދާނެތޯއާމެދު ވިސްނާލުމަށް މަގުފަހިވެއެވެ. މި ހާދިސާގައި އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ޖެމިނައި 3 އިން ސްމޯލްޕޮކްސް ވައިރަސް އުފައްދާނެ ގޮތް ނުވަތަ މިކަމަށް ބޭނުންވާ މައުލޫމާތު ދީފައިވުމެވެ. ސްމޯލްޕޮކްސްއަކީ ދުނިޔެއިން ނައްތާލާފައިވާ ނުރައްކާތެރި ބައްޔެކެވެ. މިފަދަ މައުލޫމާތު އާންމުވުމަކީ ބައޯޓެރަރިޒަމް ނުވަތަ ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ގޫގުލް އިން އަބަދުވެސް ދަނީ ޖެމިނައި ފަދަ އޭއައި މޮޑެލްތައް ތަރައްގީކުރުމުގައި ރައްކާތެރިކަމަށާއި އެތިކަލް އުސޫލުތަކަށް އިސްކަންދޭ ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް، މި ރިޕޯޓުން ހާމަވެފައިވަނީ، އެ ކުންފުނިން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައްވެސް ވަރަށް ފަސޭހައިން ދުއްވާލެވިދާނެ ކަމެވެ. މިއީ އޭއައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. މިފަދަ ހާދިސާތަކަކީ އޭއައި މޮޑެލްތައް އުފައްދާ ކުންފުނިތަކަށް "ރެޑް ޓީމިން" ނުވަތަ ރައްކާތެރިކަމުގެ ހިފެހެއްޓުންތައް ތަޖުރިބާކޮށް، އެކަންކަން ހަރުދަނާ ކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެކެވެ. އޭއައި އަކީ ބާރުގަދަ ވަސީލަތެއް ކަމުގައިވާއިރު، އޭގެ ނުރައްކާތެރި ބޭނުންތަކުން ރައްކާތެރިވުމަށްޓަކައި ގާނޫނީ އަދި ނަފްސާނީ ހުރަސްތައް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ކުރިމަގުގައި އޭއައިގެ ބޭނުން ބޮޑުވެގެންދާއިރު، މިފަދަ ނުރައްކާތެރި މައުލޫމާތު އުފެއްދުން ހުއްޓުވުމަށް އެތިކަލް އަދި ޓެކްނިކަލް ހައްލުތަކެއް ހޯދުން ވަރަށް މުހިންމެވެ. ސަރުކާރުތަކާއި އޭއައި އުފައްދާ ކުންފުނިތަކާއި ތަޖުރިބާކާރުން ގުޅިގެން މަސައްކަތް ކުރުމަކީ، އޭއައިގެ ފައިދާ ނެގުމާއެކު އޭގެ ނުރައްކާތެރިކަމުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ