ސިޓީން ވަކި ކޯޗަކު ހަަމަޖައްސާކަށް ނުބުނާނަން، އަހަރެންގެ މަސައްކަތް ކޮޕީއެއް ނުކުރެވޭނެ: ގާޑިއޯލާ

މެންޗެސްޓާ ސިޓީއަށް ވަކި ކޯޗަކު ގެންދަން ލަފާ ނުދޭނެ ކަމަށާއި އަދި ހަވާލުވާ ކޯޗަށް ވެސް އޭނާގެ މަސައްކަތް ކޮޕީ ޕޭސްޓްކޮށް ނުހެދޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގެ ފަހު މެޗުގައި ސިޓީން މިއަދު އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗަކީ އެ ކްލަބްގައި ގާޑިއޯލާގެ ފަހު މެޗެވެ. ކާމިޔާބު 10 އަހަރު އެ ކްލަބްގައި ހޭދަ ކުރުމަށް ފަހު ލެޖެންޑަރީ ކޯޗު ވަނީ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.
އޭނާއަށް ފަހު އެ ޓީމާ ހަވާލުވާނީ، ސިޓީގެ ޔޫތު ޓީމުގެ ކުރީގެ ހެޑް ކޯޗު އަދި ސީނިއާ ޓީމުގައި ގާޑިއޯލާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރި އެންޒޯ މަރެސްކާ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފަ އެވެ. އެކަމަކު ގާޑިއޯލާ ބުނީ އާ ކޯޗަކު ހޯދުމުގައި ސިޓީން އޭނާގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް، ނުދެކޭ ކަމަށެވެ. އަދި އެ މަޝްވަރާ އޭނާ ނުވެސް ދޭނެ ކަމަށް ބެޔާން މިއުނިކުގައި ވެސް ކުރިން މަސައްކަތް ކުރި ކޯޗު ބުންޏެވެ.
ނަމަވެސް ވިންސެންޓް ކޮމްޕެނީ ބެޔާންގެ ކޯޗުކަމަށް ހަމަޖެއްސުމަށް، އެ ކްލަބަށް ލަފާ ދިނީ ގާޑިއޯލާ ކަމަށް އަޑުފެތުރިފައިވެ އެވެ. 
ގާޑިއޯލާ ބުނީ ސިޓީއާ ހަވާލުވާ ކޯޗަށް އޭނާގެ މަސައްކަތް ކޮޕީ ޕޭސްޓްްކޮށް ނުހެދޭނެ ކަމަށެވެ. އެއީ ފުޓްބޯޅަ ކޯޗުކަމުގެ ވަޒީފާއި އޮންނަ ގޮތެއް ވެސް ނޫން ކަމަށް ތަޖުރިބާކާރު ބުންނެވެ. 
"އަހަރެމެން [ފުޓްބޯޅަ ކޯޗުން] ކޮންމެ މިހަކު ވެސް ވާންޖެހޭނީ ހާއްސަ މީހަކަށް. ތަފާތު މީހަކަށް. ގުދުރަތީގޮތުން ވެސް. އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ބަޔަކަށް. އަދި އާ  ކޯޗު ވެސް ވާނީ އޭނާގެ އަމިއްލަ ގޮތްގަނޑު ހުރި މީހަކަށް. އެހެން މީހެއްގެ ކޮޕީއަކަށް ވާން ފަށާ ހިސާބުން... ކޮންމެ މީހަކީވެސް ތަފާތު މީހެއް. އެކަން އޮންނަންޖެހޭނީ ވެސް އެހެން. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ސަބަބަކީ އެއީ،" ގާޑިއޯލާ ބުންޏެވެ. 
ޕްރިމިއާ ލީގުގެ މާލީ އުސޫލުތަކާ ހިލާފުވިކަމަށް ސިޓީގެ މައްޗަށް 100 އަށް ވުރެ ގިނަ މައްސަލަ ތުހުމަތު ކުރެވިފައި އެބައޮތެވެ. އެ މައްސަލަތައް ސާބިތުވެއްޖެނަމަ އެ ކްލަބަށް ބޮޑު އަދަބެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ. 
ގާޑިއޯލާ ބުނީ އެ ތުހުމަތުތަކުން އެ ކްލަބް ބަރީއަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ. 
އިނގިރޭސި މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިޓީގެ މަގާމު ދޫކޮށްލުމަށް ފަހު ގާޑިއޯލާ މަސައްކަތް ކުރަނީ އެ ކްލަބްގެ ބެލެނިވެރި ކުންފުނި ސިޓީ ފުޓްބޯޅަ ގުރޫޕްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ދުނިޔޭގެ ބައެއް ސަރަހައްދުތަކުން އެހެން ކްލަބްތައް ވެސް ގެނަފައިވާ ސިޓީ ގުރޫޕްގައި ގާޑިއޯލާގެ މަސައްކަތަކަށް ވާނީ އެ ކްލަބްތައް ވެސް ބިނާ ކުރަން ބޭނުންވާ ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކަމަކު ގާޑިއޯލާ ބުނީ ސިޓީގެ ކޯޗުކަން ދޫކޮށްލުމަށް ފަހު ފުޓްބޯޅައާ ގުޅުންހުރި ހުރިހާ މަސައްކަތަކުން މުއްދަތަކަށް ދުރުވެލާނެ ކަމަށެވެ. އެ މުއްދަތުގައި ފުޓްބޯޅައާ ގުޅުން ހުރި އެއްވެސް ކަމަކާ ވިސްނަން ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ