ކުރީގެ ބަތަލާ ސަންގީތާގެ ފާމް ހައުސްއިން ވައްކަންކޮށްފި
އިންޑިއާގެ ޕޫނޭގެ މާވަލްގައި ހުންނަ ކުރީގެ ބަތަލާ ސަންގީތާ ބިޖްލާނީގެ ފާމް ހައުސްއިން ބަޔަކު ވައްކަން ކޮށްފިއެވެ. ނަވާރަސަތޭކަ އަށްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގައި ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށްލި ބަތަލާގެ ފާމް ހައުސްއިން ބަޔަކު ވައްކަންކޮށްފައިވާކަން އެނގުނީ މިދިޔަ ހުކުރު ދުވަހު ސަންގީތާ އެގެއަށް ދިއުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަންގީތާ މާވަލްގައި ހުންނަ ފާމް ހައުސްއަށް ގޮސްފައި ވަނީ އެ ގެއަށް ޒިޔާރަތް ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މިކަމާ ގުޅިގެން ޓައިމްސް ނައުއަށް ދިން އިންޓަވިއުއެއްގައި ސަންގީތާ ބުނީ، ފާމް ހައުސްއަށް ދިޔައިރު އެ ގޭގެ މައި ދޮރު ހަލާކުކޮށް ފާމް ހައުސްގެ ކުޑަ ދޮރުތައް ވެސް ހަލާކުކޮށްފައިވާ ކަމަށެވެ. ސަންގީތާގެ އަމިއްލަ ފާމް ހައުސްއަށް ވައްކަން ކުރަން ވަދެ އުޅުނު މީހުން އެގޭގެ ދޮރު ހަލާކުކޮށްފައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް -- ފޮޓޯ/ އެންޑީޓީވީ ސަންގީތާގެ މި ފާމް ހައުސްއިން ގެއްލިފައިވާ ތަކެއްޗާއި ގެއްލުން ލިބުނު ތަކެތީގެ މައުލޫމާތު ހިއްސާކުރަމުން ބަތަލާ ބުނެފައި ވަނީ ގޭގައި ހުރި ދެ ޓީވީން އެއް ޓީވީ ވަގަށް ގެންސްގޮސްފައިވާއިރު އަނެއް ޓީވީ ހަލާކުކޮށްލާފައި ވާކަމަށެވެ. މީގެއިތުރުން ފާމް ހައުސްގައި ހުރި ސީސީޓީވީ ކެމެރާތަކާއި، އެނދު އަދި އައިސްއަލަމާރިއަށް ވެސް ގެއްލިފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ރަސްމީގޮތުން ވަކި އެއްޗެއް ސަންގީތާގެ ޓީމުން ބުނެފައެއް ނުވެއެވެ. ބޮލީވުޑް އެކްޓަރު ސަލްމާން ޚާންއާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި މިހާރު އުމުރުން 65 އަހަރު ވެފައިވާ ބަތަލާ ވަނީ ވައްކަމުގެ މި މައްސަލަ ފުލުހުންނަށް ހުށަހަޅާ އެކަމާ ގުޅިގެން މައްސަލަ ތަހުގީގު ކުރުމަށް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ދާއިރާއިން މިހާރު ވަރަށް މަދުން ފެންނަ ސަންގީތާގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެތެރޭ "ތުރިދޭވް"، "ހަތިޔާރު"، "ޖުރުމް" އަދި "ހާތިމް ތައި" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ