ފްލެޓް ލިސްޓް މިއަދު 3 ޖަހާއިރު އާއްމުކުރާނަން: މުއްތަލިބް

މިދިޔަ ސަރުކާރުގައި "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓް ލިސްޓް، މިއަދު 3 ޖަހާއިރު އާއްމުކުރާނޭކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ތައްޔާރުވަމުންދާ ފްލެޓް ލިސްޓާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ.މުއްތަލިބް ވިދާޅުވީ، ފްލެޓް ލިސްޓް މިއަދު މެންދުރުފަހު 15:00 ގައި އާއްމުކުރާނޭކަމަށެވެ. މިނިސްޓަރު ވިދާޅުވީ ލިސްޓް އާއްމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް އެއްމަސްދުވަހުގެ މުއްދަތު ދެވޭނޭ ކަމަށެވެ.
ފްލެޓް ލިސްޓް މިއަދު އާއްމުކުރުމަށް ތައްޔާރުވަމުންދާއިރު، މިނިސްޓަރު ޑރ.މުއްތަލިބް ވަނީ ކުރީ ސަރުކާރުން ފްލެޓްތައް ދިނުމުގައި އުސޫލާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެންމެ ގިނައިން މައްސަލަ ހުރިކަމަށް ފާހަގަކުރެވުނީ، މާލޭގައި ދިރިއުޅުނުކަމުގެ ލިޔުން ހުށަހެޅުމުގައިކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ދޭން ނުޖެހޭ ލިޔުންތައް ދިނުމާއި، ފްލެޓް ކޮމިޓީގެ މެމްބަރުން އުސޫލާ ހިލާފަށް ކޮށްފައިވާ ކަންކަންވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.
Advertisement
މިގޮތުން ވެރިކަން ބަދަލުވިފަހުން ފްލެޓް ލިސްޓަށް ވަދެފައިވާކަން ސާބިތުވާކަމަށް މިނިސްޓަރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ. ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް މިއަދު އާއްމު ކުރާއިރު، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށްވެސް މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ