މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 3،119 ބާކީކޮށް ނެރުނު ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުނު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ދެމެފިރިން ހިމެނުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ އެކު ފްލެޓް ދޫކޮށްލަން ނިންމައިފި އެވެ.
ހައިދަރު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާ މިހާރު ހުރި ހައިސިއްޔަތުގެ ގޮތުން، އޭނާ އާއި އޭނާގެ އަންހެނުންނަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފްލެޓް ހޯދަން އުޒުރުވެރިވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ދެމެފިރިންނަށްވުރެ މި ސްކީމުން ފްލެޓެއް ހައްގުވާ އެތައް އާއިލާއެއް ތިބޭނެ. ވީމާ، މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނަހަނު ޠާޢަތާއި އިހްތިރާމާ އެކު ދެންނެވިން،" އޭނާ ވިދާލުވި އެވެ.
މިއަދު އިއުލާންކުރި ގެދޮރުވެރިޔާ ސްކީމުގެ ތިން ކޮޓަރީގެ ފްލެޓް ލިސްޓުން ދައްކާ ގޮތުގައި ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ލިބުނީ 75 ޕައިންޓް ލިބިގެންނެވެ. އެގޮތަށް ކަނޑައެޅީ ކުރިން ވެސް އޭނާ ޝަރުތު ހަމަވާ ކަމަށް ނިންމައި އިއުލާންކުރި ލިސްޓުގައި އޮތް ގޮތަށެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ހައިދަރު މިނިސްޓަރުކަމާ ހަވާލުވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވީ އިނގިރޭސިވިލާތުގަ އެވެ. އަދި އޭނާއާ އެކު އަނބިކަނބަލުން މ. ޑްރީމީލައިޓް މަރްޔަމް ތައުފީގު ވެސް ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުއްވީ އިނގިރޭސިވިލާތުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިދަރުގެ ދެމަފިރިން ބައްލަވައިގަތް ގެއެއް މިހާރުވެސް އިނގިރޭސިވިލާތުގައި އެބަހުއްޓެވެ.
މި ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކެބިނެޓުގައި ހައިދަރު ހިމެނުނީ ހައުސިން މިނިސްޓަރަކަށެވެ. މިގޮތުން ފްލެޓް ލިސްޓު ރިވިއު ކުރުމުގެ މަސައްކަތް ހައިދަރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސްފައިވެ އެވެ.
އެކަމަކު މިދިޔަ ޑިސެމްބަރު 26، ގައި ކެބިނެޓަށް ގެނައި ބޮޑު ބަދަލާ އެކު ހައިދަރު ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލު ކުރެއްވި އެވެ. އަދި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލުމަށްފަހު އެ މިނިސްޓްރީގެ މަސްއޫލިއްޔަތު ހަވާލުކުރެއްވީ ޑރ. އަބްދުﷲ މުއްތަލިބުއާ އެވެ.
ފާޑުކިޔުން އަމާޒުވުމުން ހައިދަރަށް ލިބުނު ފްލެޓް ދޫކޮށްލައިފި ފާޑުކިޔުން އަމާޒުވުމުން ހައިދަރަށް ލިބުނު ފްލެޓް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ