ނާޒިމް ސައްތާރު ކުށަށް ތައުބާވެ ރައްޔިތުން ކިބައިން މައާފަށް އެދިއްޖެ

އެއް ޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލް އަޙުމަދު ނާޒިމް އަބްދުއްސައްތާރު ތައުބާވެ ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ނާޒިމް ސައްތާރުގެ މައްޗަށް އެ ދައުވާ އުފުލީ ބަންގްލަދޭޝްގެ އަލަމްގީރާއެކު ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯއެއް ލީކް ވެފައިވަނިކޮށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ވަނީ އިއުތިރާފްވެފައެވެ. އަދި އެ މައްސަލައިގެ ހުކުމް މިއަދު ކުރުމަށް ވަނީ ތާވަލްކޮށްފައެވެ. އެކަމާ ގުޅިގެން މިއަދު ނާޒިމް ސައްތާރު ނެރުނު ބަޔާނެއްގައި ބުނީ, އޭނާ ކުރި ކުށަށް ތައުބާވެ ހިތާމަ ކުރާ ކަމަށެވެ. "އަޅުގަނޑު މި ކުށަށް މި އިއުތިރާފް މިވަނީ އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށް ވުމުގެ އިތުރުން މި ކަމުގައި އަޅުގަނޑު ބްލެކްމައިކޮށް ފައިސާ އަތުލަންއުޅެ އެ މައްސަލައިގައި އަޅުގަނޑަކީ ވިކްޓިމެއް ކަމުގައި ވާއިރުވެސް މެއެވެ," ނާޒިމް ސައްތާރު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. ރާއްޖެއިން ބޭރަށް ފިލައިގެން ނުގޮސް ރާއްޖޭގައި ހުރެ ކުށަށް އިއުތިރާފްވެފައިވަނީ އެ ކުށުގެ އަދަބާ ކުރިމަތިލުމަށް ބޭނުންވާތީ ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެއެވެ. "އަޅުގަނޑު އެދެނީ މިކުށަށް އިއުތިރާފްވެ ތައުބާވެ ރައްޔިތުންގެ އަރިހުން މާފެވެ," ނާޒިމް ވިދާޅުވެފައިވެއެވެ. ނާޒިމް ސައްތާރުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިއުތިރާފްވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަވަސް ނިޔާގެ މަޖިލީހެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ފަހަކަށް އައިސް ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހައްޔަރުކޮށް ތަހްގީގު ކުރަމުން އަންނައިރު ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ހުކުމް ވެސް ކޮށްފައެވެ. އަލަމްގީރުގެ މައްޗަށް މިހާރު ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލައިފައެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ކޯޓުގައި އިއުތިރާފް ވެފައެވެ. އަލަމްގީރާއެކު އެ ހުތުރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ނާޒިމް ސައްތާރުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ. ތަހުގީގަށް ފަހު އެ މީހުން ބަންދުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭގެ އިތުރުން ބައެއް މުދިމުންނާއި ޓީޗަރުންކަމަށް ބުނާ ބައެއްގެ ވީޑިއޯވެސް ވަނީ ލީކްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ