ޝާފިއު ޖިންސީ ފުރައްސާރަ ކުރި ކަމުގެ ހެއްކެއް ނެތް، މައްސަލަ ފައިލް ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު މުހައްމަދު ޝާފިއު، އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައިގައި އެކަށީގެންވާ ހެކި ނެތުމުން، ފުލުހުން މައްސަލަ ފައިލް ކޮށްފިއެވެ.
ޝާފިއުގެ މައްޗަށް "ވަގުތު" ނޫހުގެ އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވުމުން، މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީން)އިން ވަނީ އޭނާ ސަސްޕެންޑްވެސް ކޮށްފައެވެ.
އެ މައްސަލައިގައި އެމްއެމްސީން މިއަދު ބުނެފައިވަނީ، ޝާފިއު ކައުންސިލުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފައިވާ ނިންމުން ނިމުމަކަށް ގެނެސްފައިވަނީ، ފުލުހުން ތަހުޤީޤުކުރި މައްސަލައިަގއި އެކަށީގެންވާ ހެކި ޤަރީނާ ނެތުމުން މައްސަލަ ނިންމައި ފައިލުކޮށްފައިވާތީ ކަމަށެވެ.
"މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު މުޙައްމަދު ޝާފިޢު ވަގުތު ނޫހުގެ މުވައްޒަފަކަށް ޖިންސީ ފުރަސާރަ ކުރިކަމަށް ބަޔާންކޮށް ވަގުތު އޮންލައިން ނެރެފައިވާ ނޫސްބަޔާނާއި އެކަމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި، ކައުންސިލުގެ މެންބަރުންނާ މެދު ރައްޔިތުންގެ ހިތުގައި ޙަޤީޤަތާއި ޚިލާފު، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވަގުތު އޮންލައިންގައި ޝާއިޢުކޮށްފައިވާ ޚަބަރުތައް، މިކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެމްއެމްސީން މިއަދު ދެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެމްއެމްސީން ބުނެފައިވަނީ "ވަގުތު ނޫހުގެ ޚަބަރާއި ގުޅިގެން" ރާއްޖޭގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުން ކަމުގެ ހަޤީޤަތަށް އެއްވެސް ވަރަކަށް ބެލުމެއްނެތި މިކަމާއި ގުޅޭ ގޮތުން ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ޖަމްއިއްޔާ ޖަމާއަތްތަކުން މަސައްކަތްކުރާ ގޮތް ނޫންކަމުގައެވެ.
އެހެންކަމުން، ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ޤާނޫނާއި ގަވާއިދާއި އުސޫލުތަކަށް ރިއާޔަތްކުރުމަށާއި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ އެއްގޮތަށް މަޢުލޫމާތާއި ޚަބަރުތައްގެނެސްދިނުމަށް މި ފުރުސަތުގައި ހަނދާކޮށްދީ އިލްތިމާސްކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ