ހުޅުމާލޭގައި ބޮމުގެ އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފި

ހުޅުމާލޭގައި މޫދު ކުޅިވަރު ކުއްޔަށް ދޫކުރާ "ހުޅުމާލެ ބީޗް ކްލަބް"ގައި ބޮމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހުޅުމާލެ ބީޗް ކްލަބްގައި ހުރި މީހެއްގެ ދަބަހުގައި ގޮވާ އެއްޗެއް އޮތް ކަމަށް އެ މީހާ ބުނި ކަމަށް އާންމު ފަރާތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ދިވެހި ފިރިހެނެކެވެ.
އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބޮމެއް އޮތް ކަމަށް ބުނުމުން މީހަކު މިރޭ ހައްޔަރުކުރިއިރު، މި މަހުގެ މެދެއްހާ ހިސާބުގައި ފުލުހުން ވަނީ ސިފައިންނާ ގުޅިގެން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގައި، 14 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށް، ފަސް މީހަކު 15 ދުވަހަށް ބަންދުކުރިއިރު، ހަތަރު މީހަކު ވަނީ 30 ދުވަހަށް ބަންދުކޮށްފައެވެ.
މި މަހުގެ 14 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، ހުއްޓުވާފައި ވަނީ ގިނަ ބަޔަކު މަރާލަން ދޭން އުޅުނު ހަމަލައެއް ކަމަށެވެ. އަދި އެ ހަމަލާ ކާމިޔާބުވި ނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔައީސް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ