ނަޝީދު, ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ރާވަމުންދާ ކަމަށް ރީކޯ ތުހުމަތު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް, އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ރާވަމުންދާ ކަމަށް މޫސާ މަނިކު (ރީކޯ) ތުހުމަތު ކުރައްވައިފި އެވެ.
ނަޝީދުގެ ސަރުކާރާ ދެކޮޅަށް އޭރު އިދިކޮޅުގައި ތިބި މީހުން ރޭވި ހަރަކާތްތަކަށް އިޝާރާތްކުރައްވައި ރީކޯ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, 2011 ވަނަ އަހަރު ބަޣާވާތަށް ތައްޔާރުވުމުގެ ގޮތުން ޑޮލަރު ލިބުން ދަތިވެ, ރައްޔިތުން ހަނާވަނީ ކަމަށް އެ ހަރަކާތް ހިންގި މީހުން ރައްޔިތުންނަށް ވިސްނައި ދިން ކަމަށެވެ.
“މިފަހަރު ބަޣާވާތަށް ދޮންކޮށްގެން ތިބި މީހުންވެސް ހަމަ އެ ލަވަ, ޑޮލަރު ހުސްވީ. ރާއްޖެ ބަނގުރޫޓުވީ? އެނގިދާނެތާ!” ރީކޯގެ ޓުވީޓުގައިވެ އެވެ.
އޭނާ މިހެން ވިދާޅުވި އިރު, ސަރުކާރަށް މިފަހުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ނަޝީދު ގެންދަވަނީ ރާއްޖެ ބަނގުރޫޓުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް އެ މަނިކުފާނު ވަނީ މާލީ ގޮތުން ރާއްޖެ ބަނގުރޫޓުވާއިރު, ރައްޔިތުންގެ މަޖިލހުގެ ރިޔާސަތުގައި އިންނެވުމަކީ ލަދުވެތިކަމެއް ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ތެލަށާއި ކާޑަށް ދައްކަން ރިޒާވުގައި ފައިސާ ހުރިކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް ވިދާޅުވި އެވެ.
އަށް އަހަރަށްފަހު އެމްޑީޕީއާ އަލުން ގުޅިވަޑައިގެން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތްގުޅުމެއް ބާއްވަމުން ގެންދަވާ ރީކޯ ވިދާޅުވީ, ބަޣާވާތަކީ ކޮންމެ ބަޔަކު ކުރިޔަސް ގާނޫނީ ސަރުކާރަކާ ދެކޮޅަށް ތެދުވެ ވެރިކަން ވައްޓާލުން ކަމަށެވެ.
އަދި އެމްޑީޕީގެ ތާރީހަށް ބަލައި އިރު, އެތެރެއާ ބޭރުން ބަޣާވާތް ހިންގާފައިވާ ކަމަށާއި ނަމަވެސް ޕާޓީގެ ބަޔަކު ކުރިޔަސް ނުވަތަ އެހެން ބަޔަކު ކުރިޔަސް ބަޣާވާތަށް އެމްޑީޕީގެ މެންބަރުން ބުނާނީ ނޫނެކޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ, ދެން އެކަމެއް ނުހިނގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ