ޓޫރިސްޓުން އައި މިންވަރު މިދިޔަ މަހު ވެސް 6.1 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ޓޫރިސްޓުން ރާއްޖެ އައި މިންވަރު މިދިޔަ އަހަރު ޖުލައި މަހަށް ވުރެ 6.1 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިދިޔަ މަހުގެ ނިޔަލަށް 76،966 ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު އައިސްފައި ވަނީ 72،516 ޓޫރިސްޓުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 535،034 ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 2.8 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޖުލައި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 57 ޕަސެންޓާއެކު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ ޔޫރަޕުން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ދެ ޕަސެންޓް ދަށްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ނިޔަލަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އާއި ޖަރުމަން، އިނގިރޭސިވިލާތް، އިޓަލީ އަދި ފްރާންސުން ކަމަށެވެ. މީގެ ތެރެއިން 19.9 ޕަސެންޓާއެކު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޔޫރަޕުގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން، އެ ސަރަހައްދުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތާއި އިޓަލީ އަދި ފްރާންސުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ