ދެ ޕާޓީން އެއްބަސްވެ، އެންމެ ފަހުން ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސް ހޮވައިފި

ވަކި ގޮތެއް ނުނިންމި ދިގުލައިގެން ދިޔުމަށް ފަހު އެންމެ ފަހުން ދެ ޕާޓީ އެއްބަސް ވެގެން ޏ. ފުވައްމުލަކު އަތޮޅު ކައުންސިލަށް ރައީސަކާއި ނާއިބު ރައީސަކު ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ރޭ ހޮވައިފި އެވެ.
ފުވައްމުލަކުގައި ހުންނެވި އައްޑޫ ސިޓީގެ ނައިބު އަލީ މުހައްމަދު މިއަދު ވިދާޅުވީ، ފަސް ފަހަރަށް ކައުންސިލް ބައްދަލުވުން ބޭއްވުމަށް ފަހު ރޭ 12:00 ޖަހަން އުޅެނިކޮށް އަތޮޅު ކައުންސިލަށް ހޮވިފައި ތިބި ހަ މެމްބަރުންގެ އިއްތިފާގުން ރައީސަކަށް ހޮވުނީ އެމްޑީޕީގެ ކައުންސިލް މެމްބަރު ހަސަން ސައީދު ކަމަށެވެ. އަދި ހަމަ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނާއިބު ރައީސަކަށް ހޮވުނީ ޑީއާރުޕީގެ މެމްބަރު އަލީ ފަޒާދެވެ.
"ރޭ ވަރަށް ދަންވަންދެން ދެ ޕާޓީން މަޝްވަރާ ކުރުމަށް ފަހު އެންމެ ފަހުން ގޮތެއް ނިންމީ. ރައީސަށާއި ނައިބު ރައީސަށް ވެސް ކައުންސިލްގައި ތިއްބެވި ހުރިހާ މެމްބަރުންގެ ވެސް ތާއިދާ އެކު ހޮވުނީ." ފުވައްމުލަކުގައި ހުންނެވި އައްޑޫ ސިޓީގެ ނައިބު އަލީ މުހައްމަދު ވިދާޅުވި އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލަށް ރައީސާއި ނައިބު ރައީސް އިންތިހާބުކޮށްފައި ވަނީ އިއްޔެ ތިން ފަހަރަށް ރައީސާއި ނައިބު ރައީސް ހޮވުމަށް ވޯޓުލައިގެން ވެސް ކޮންމެ މެމްބަރަކަށް ތިން ވޯޓު ލިބިގެން އެއްވަރުމުން "ޑެޑްލޮކް" ވުމަށް ފަހު އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލަށް ހޮވިފައި ތިބި ހަ މީހުންގެ ތެރެއިން ތިން މެމްބަރުންނަކީ ޑީއާރުޕީގެ މެންބަރުންނެވެ. އަދި އަނެއް ތިން މެމްބަރުންނަކީ އެމްޑީޕީ ތިން މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ