ރާއްޖެ އަށް ފުރިހަމަ ޑިމޮކްރަސީއެއް ވަރަށް އަވަހަށް ގެންނަވަން ބޭނުންފުޅުވާ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރާއްޖެ އަށް ފުރިހަމަ ޑިމޮކްރަސީއެއް ވަރަށް އަވަހަށް ގެންނަވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ބީ.ބީ.ސީ އިން މިއަދު ހެނދުނު ފޮނުވި އޭޝިޔާ ޓުޑޭ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން 9 ޖޫން ގައި ހުށަހެޅުއްވި ބައެއް އިސްލާހުތަކުގެ މައްޗަށް ބައްލަވާ ލައްވައި، ރާއްޖޭގައި ވެސް މަލްޓި ޕާޓީ ޑިމޮކްރަސީ ނިޒާމެއް ގާއިމު ކުރައްވަން ބޭނުންފުޅުވާ ކަމަށާއި މިކަން އަވަސް ކުރައްވަން ބޭނުންފުޅުވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. މި އިސްލާހުތައް ގެންނެވުމަށް މި ހުންނެވީ ތައްޔާރަށް ކަމަށާއި މިކަން ކުރިއަށް ނުގެންދެވިގެން މިއުޅުއްވަނީ ބަޔަކު ހަމަނުޖެހުންތަކެއް އުފައްދައި ހުރަސް އަޅާތީ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ފަދަ މަތިވެރި ދަރަޖައަކަށް ރައްޔިތުންގެ މަގްބޫލުކަން ލިބިވަޑައިގެންފައިވާ ބޭފުޅަކު، އެ އިސްލާހުތައް ތަންފީޒު ކުރައްވަން އަމިއްލަފުޅަށް ނުފައްޓަވަނީ ކީއްވެތޯ ބީ.ބީ.ސީގެ ރިޕޯޓަރު ދެންނެވުމުން، ރާއްޖޭގައި މި އޮންނަނީ ވެސް ޑިމޮކްރަސީ ނިޒާމެއް ކަމަށާއި، އެހެންވީމާ، މި ހުށަހެޅުއްވި ހުށަހެޅުއްވުންތަކަށް އަމަލު ކުރަން ފެށޭނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސް ކުރެއްވީމާ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެކިއެކި އިސްލާހުތައް އަޅުގަނޑުމެން ގެންނަމުންދާ އިރު އެ އިސްލާހެއް ގެންނަން ވާނީ އެ އިސްލާހެއް ގެނައުމަށް އެންމެ އެކަށީގެންވާ ވަގުތެއްގައި ކަމަށް ވިދާޅުވި އެވެ. މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންތައްތަކަށް ވެސް ދިޔައީ އިސްލާހު އަންނަމުން ކަމަށާއި، އެ އިސްލާހުތައް އަދިވެސް މި ދަނީ އަންނަމުން ކަމުގައި ވިދާޅުވި އެވެ. އަދި 9 ޖޫން ގައި ހުށަހެޅުއްވި އިސްލާހުތަކަކީ މިފަދަ ބަދަލަކަށް ރާއްޖެ މިހާރު ތައްޔާރުވެފައިވާ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ހުށަހެޅުއްވި އިސްލާހުތަކެއް ކަމުގައި ވިދާޅުވި އެވެ.
އޯގަސްޓް 12 އާއި 13 ގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި ޚާއްސަ މަޖިލީހުގެ ފަސް މެންބަރަކު ބަންދު ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށްޓަކައި ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް ގާނޫނާ ޚިލާފަށް އަމަލު ކުރުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ކޮންމެ މީހަކު ވެސް ގާނޫނުތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ބީ.ބީ.ސީ އަށް މި ދެއްވި ބަސްދީ ގަތުމުގައި، ބަންދު ކުރެވުނު މީހުންނަކީ ތަނުގެ މަސްލަހަތު ނަގާލައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި މީހުން ކަމަށް ވިދާޅުވި އެވެ. ސިފައިންގެ ދެ މީހަކަށް ހަމަލަ ދީ ސަރުކާރުގެ މުހިންމު އިމާރާތެއްގައި ރޯކޮށް، ފުލުސް އޮފީހަށް ގަދަކަމުން ވަންނަން އުޅުން މިއީ ސުލްހަވެރި އަމަލުތަކެއް ނޫން ކަމަށާއި، އެއްވެސް ސަރުކާރަކުން މިއީ ފިޔަވަޅެއް ނާޅައި ދޫކޮށްލާނެ ކަންތައްތަކެއް ނޫން ކަމުގައި ވިދާޅުވި އެވެ.
ރައީސް މި ދެއްވި އިންޓަވިއު ގައި ރާއްޖޭގެ ރައްޔިތުންގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ތިބީ ސަރުކާރާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށާއި، ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް މި ހިންގަނީ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނު މިދިޔަ އަހަރު، ރިޔާސީ އާ ދައުރަކަށް ހޮވި ވަޑައިގަތީ ވެސް ރައްޔިތުންގެ 90 އިން ސައްތަ އަށް ވުރެ ތަނަވަސް އަޣުލަބިއްޔަތަކުން ކަމަށާއި، މިކަމުން ވެސް ރައްޔިތުންގެ ތެރޭގައި ހިތްހަމަނުޖެހުމެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ