ގުއަންޓަނާމޯ ބޭ އިން ގެންނަނީ ކުށެއްނެތް ބައެއްކަމަށް ބުނާނަމަ އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން: އޭޖީ

ކިއުބާގެ ގުއަންޓަނާމޯ ބޭގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލުގައި ތިބި ބައެއް ގައިދީން ރާއްޖެ ގެނައުމާ ބެހޭ ގޮތުން ވާހަކަދައްކާ އިރު، އެ މީހުންނަކީ ކުށެއް ނެތް ބައެއް ކަމަށް ސަރުކާރުން ބުނާ ނަމަ އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މެމްބަރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ހޮލިޑޭ އިން ގައި އޮތް ނޫސްވެރިންގެ ވޯކްޝޮޕެއްގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ ގުއަންޓަނާމޯ ބޭ އިން ގައިދީން ގެނައުމުގެ ކުރިން އެ މީހުންނާ ބެހޭ މައުލޫމާތު ރަނގަޅަށް ސާފުވާންޖެހޭ ކަމަށެވެ. އަދި އެ މީހުން ރާއްޖެ ގެނެސް ބަންދުކޮށްފައި ބެހެއްޓުމަކީ ދަތިކަމަކަށްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ގުއަންޓަނާމޯ ބޭއިން ގައިދީން ގެންނަ އިރު ދިމާވާ ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެ ކަންތައްތައް ކުރަން ޖެހޭނީ ގާނޫނުގެ ތެރެއިން ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މީހުން ގެންނަންޖެހޭނީ އެ މީހުންގެ ރުހުން ލިބިގެން، ދެ ފަރާތުން އެއްބަސްވާ އުސޫލުތަކެއްގެ މަތިން ކަމަށެވެ.
ސުއޫދު މިއަދު "ހަވީރާ" ވާހަކަދައްކަވަމުން ވިދާޅުވީ އެ ތަނުން ގެންނަ ގައިދީންނާ ބެހޭ މައުލޫމާތުތަކެއް ސަރުކާރަށް ލިބިފައި އެބަހުރި ކަމަށެވެ. އަދި އިތުރު މައުލޫމާތުތަކެއް ސަރުކާރުން ހޯދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ގުއަންޓަނާމޯ ބޭ ޖަލުން ގައިދީން ގެނައުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީއަށާއި ކެބިނެޓަށާއި ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ލަފާ އަރުވާފައިވާނެ ކަމަށެވެ.
"މައިގަނޑު ގޮތެއްގައި އަޅުގަނޑަށް ފާހަގަކުރެވުނު އެއް ކަމަކީ އެ މީހުން ގެނެސް ގެންގުޅެންޖެހޭނެ އުސޫލުތަކަކީ ކޮބައިކަން ސާފުކޮށް އެނގެން އެބަޖެހޭކަން. އެ މީހުން ބަލަހައްޓަންޖެހޭ މިންވަރަކީ ކޮބައިކަން. ދެން އަނެއް ކަމަކީ ހަރަދުބަރަދުގެ ކަންތައް އޮންނަ ގޮތެއް... ދެން މި ތަނަށް އައިސް [ފަހުން] ރާއްޖެ ދޫކޮށް ދާންޖެހިއްޖެއްޔާ އަމަލުކުރަންޖެހޭނެ ގޮތަކީ ކޮބައިކަން. އަދި ރާއްޖޭގައި ހުއްޓާ އޭނާ ކުށެއްކޮށްފިއްޔާ ހަދަންޖެހޭނީ ކިހިނެއް ކަން،" އޭނާ ވިދާޅުވި އެވެ. "އޭގެ އިތުރުން ޕާސްޕޯޓް އިޝޫއަކީ ވެސް ވަރަށް ގިނަ ބޭފުޅުން ނަންގަވާ އިޝޫއެއް. އެ އިޝޫ ވެސް އޮންނަންވާނީ ސާފުވެފައި. އެ ކަހަލަ ވަރަށް ގިނަ ކަންކަން އެބަހުރި ގާނޫނީ ގޮތުން ސާފުކުރަންޖެހޭ. އޭގެ އިތުރުން އެކަން ސާފުވީމަ އޭގެ އިތުރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެވަރު ކަމެއްތޯ އޭނާ ގެނައުމަކީ."
ސޫއޫދު ވިދާޅުވީ އިމިގްރޭޝަން ގާނޫނުގައި ރާއްޖެ އަށް ބިދޭސީން ގެނެވޭނެ ފަސް ކެޓަގަރީއެއް އެބައޮތް ކަމަށެވެ. އަދި އޭގެ ތެރެއިން ސަރުކާރުގެ ބޭނުމަކަށް އޮންނަ ގެޓަރީގެ ދަށުން އެ މީހުން ގެނެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ސަރުކާރުގެ ބޭނުމަކަށް ގެންނަ މީހުން ގެންގުޅެން ވަކި މުއްދަތެއް ނޯންނަ ކަމަށެވެ. އެ ގޮތުން ސަރުކާރުން ކަނޑައަޅާ މުއްދަތަކަށް ގެންގުޅެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވަނީ ވަކި މުއްދަތެއް ވަންދެން އެ މީހުން މި ތަނުގައި ގެންގުޅެންތޯ ދެންނެވުމުން ސުއޫދު ވިދާޅުވީ ސަރުކާރުން އަންނަނީ އެމެރިކާ ސަރުކާރާއެކު ވާހަކަ ދައްކައިގެން އެ ކަންތައްތައް އޮޅުންފިލުވަމުން ކަމަށެވެ.
"ދެ ސަރުކާރުގެ ދެމެދުގައި ވާހަކަތަކެއް ދެކެވެންޖެހޭ. އޮޅުން ފިލުވަންޖެހޭ ކަންތައްތަކެއް އެބަހުރި. އެހެންވީމަ އަޅުގަނޑަށް ހީވަނީ ސަރުކާރުން ގެންދަނީ އެ މައުލޫމާތުތައް އޮޅުންފިލުވަމުންހެން. އޮޅުންނުފިލާ ބައިވަރު ކަންތައްތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ގުއަންޓަނާމޯ ބޭ ގައި ތިބި ބައެއް ގައިދީން ރާއްޖެ ގެނައި ކަމުގައި ވިޔަސް، އެ މީހުންގެ ފަރާތުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ފޯރިޔަނުދީ، ރާއްޖޭގެ ދިފާއީ ނިޒާމު ބެލެހެއްޓުމުގެ ފުރިހަމަ ގާބިލުކަން ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ލިބިގެންވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ