އަންނަ އަހަރުގެ ބަޖެޓް ނުހިފެހެއްޓޭނެ: ޔާމީން

ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރަން ތައްޔާރުވަމުންދާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާ އެކު ދަރަނި 27 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އެ ބަޖެޓުގެ ހަރަދުތައް ދެކޮޅު ނުޖެހޭނެ ކަމަށް މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ބަޖެޓް ކޮމެޓީގެ ރިޕޯޓަށް ބަލާއިރު އަންނަ އަހަރުގެ ބަޖެޓްގެ ދަރަނި 27 ބިލިއަނަށް އެރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"އޭގެ މާނަ އަކީ އެއީ ދެ އަހަރު ދުވަހުގެ ދައުލަތުގެ ބަޖެޓް. މިވަރުގެ ބޮޑު ދަރަންޏެއް ދޫކޮށްލާފައި 2012 ވަނަ އަހަރު އެހެން ބަޔަކު ވެރިކަމަށް އައިސްފި ކަމަށް ވަންޏާމު ލިބޭ ހުރިހާ އާމްދަނީއެއް ދާންވާނީ ފުރަތަމަ ދަރަނި ފޫބައްދަން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓަށް އެކަނި ބެލިކަމުގައި ވިޔަސް ބޭރުން ނަގާ ލޯނުތަކަށް، މުޅި ބަޖެޓުގެ އާމްދަނީގެ 100 އިން 20 ދައްކަންޖެހެ އެވެ. ދައުލަތުގެ ދަރަނި ބޮޑުވަމުންދާއިރު އަންނަ އަހަރު ވެސް ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ކުރަން ނިންމާފައި ވަނީ ލޯން ނަގައިގެން ކަމަށް ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި 2.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް އަންނަ އަހަރު ހިންގަނީ ބޭރުން ލޯނު ހޯދައިގެންނެވެ.
"އެ ލޯނު ނުލިބިއްޖެ ކަމަށް ވަންޏާ މި ހަރަދުތަކެއް ނުހިނގާނެ. މި އަހަރުގެ ބަޖެޓަށް އެކަނި ބެލިކަމުގައި ވިޔަސް ބަޖެޓުގެ ޑެފިސިޓް އެއް ރިވާއެއްގައި މި އަންނަނީ 3.5 ބިލިއަން ރުފިޔާ. އަނެއް ރިވާއެއްގައި މި އަންނަނީ 3.1 ބިލިއަން. އަޅުގަނޑު އެތަނުން ގަބޫލުކުރާ ރިވާ އަކީ 3.5 ބިލިއަން އަރާނެއޭ. އެހެންވީމަ މި ބަޖެޓް އަޅުގަނޑުމެންނަށް ނުހިފެހެއްޓޭނެކަން މިހާރު ވެސް އަޅުގަނޑަށް އެނގޭ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓަށް އުނިއިތުރު ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވަންޖެހޭ ކަމެއް ކަމަށާއި އެ ބާރު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ.
"އަޅުގަނޑަށް އެބަ އިނގޭ މިސާލަކަށް މިހާރު މި އޮތް ބަޖެޓް ފާސްކޮށްގެން، 3.8 ބިލިއަން ރުފިޔާގެ ދަރަނި ހިފައިގެން މި ސަރުކާރު ނުކުމެ، 2012 ވަނަ އަހަރު ނިމޭއިރު، މުޅި ދަރަނި ގާތްގަނޑަކަށް 27 ބިލިއަނަށް އަރާ ކަމަށް ވަންޏާ އަޅުގަނޑަށް އެނގޭ ދެން ޖެހިގެން އަންނަ އަހަރު ބަޖެޓް ސަސްޓެއިން ނުކުރެވޭނެކަން. އެއާއެކު މި ނުކުންނަ މައްސަލަ އަކީ އެ ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެންގެ އަތުގައި ހުރި މުދާ ވިއްކަމުން މިދަނީ. ކުންފުނިތައް ވިއްކަމުން ދަނީ. ކުންފުނިތައް އެކަނި ވިއްކައިގެން ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ހޯދަން އެބައޮތް. ޕޯޓްސް އޮތޯރިޓީ ވިއްކާލުމާއި ސްޓެލްކޯ ވިއްކާލުމާއި މި ކަހަލަ އެތައް ކަމެއް މި ކުރަނީ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ފޫބެއްދުމަށް ކަނޑައަޅާފައި ކުންފުނިތައް ވިއްކައިގެންނާއި ބޭރުގެ ލޯނުން ކަމަށެވެ. ޔާމީން ވިދާޅުވީ އަހަރުން އަހަރަށް ޑެފިސިޓް ބޮޑުވަމުންދާ ކަމަށާއި ނަތީޖާ އަކީ ދިވެހި ރުފިޔާގެ އަގު ވެއްޓުމާއި ތަކެތީގެ އަގު ބޮޑުވުމެވެ.
ވީޓީވީގެ ޕްރޮގްރާމްގައި ޔާމީންގެ އިތުރުން ބަޖެޓް ކޮމެޓީގެ މުގައްރިރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވާހަކަ ދެއްކެވި އެވެ. ގާސިމް ވިދާޅުވީ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ހުއްޓާލުމަށް މަޖިލީހުގެ މެމްބަރުން ބޭނުން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބަޖެޓަށް "އަތްބާނައި" ދައުލަތް ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ