ޒިންމާދާރު ވެރިންގެ މައްސަލާގައި ސިވިލް ސާވިސް ކޮމިޝަނުން ހޯމް މިނިސްޓްރީގެ މައްޗަށް ދައުވާ ހުށަހަޅައިފި

އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތަކަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސާފައިވާ ޒިންމާދާރު ވެރިންނަކީ ތިބެން ޖެހޭނެ ބައެއް ނޫން ކަމަށް ދެކި އެމީހުންގެ އެލަވަންސް ހުއްޓާލުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ހޯމް މިނިސްޓްރީގެ މައްޗަށް ދައުވާ ކުރުމަށް މަދަނީ ކޯޓަށް ހުށަހަޅައިފި އެވެ.
ކޮމިޝަންގެ މެމްބަރު މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ޒިންމާދާރުވެރިންގެ މައްސަލައިގައި ހޯމް މިނިސްޓްރީގެ މައްޗަށް އެ ކޮމިޝަނުން ހުށަހެޅި ދައުވާ ކޯޓުން މިހާރު ބަލައި ވެސް ގެންފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ ހޯމް މިނިސްޓްރީގެ މައްޗަށް ދައުވާ ކުރައްވަނީ ސިވިލް ސާވިސް ގާނޫނު ބުނާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި ވަކި ކުރުމާއި މުސާރަ އާއި އިނާޔަތް ކަނޑައެޅުމަކީ ސިވިލް ސާވިސް ކޮމިޝަނުން ކުރަން ޖެހޭ ކަންކަމަށް ވާއިރު އެކަން ނަފީކޮށް ހޯމް މިނިސްޓްރީގެ ސިޔާސީ ބޭފުޅެއްގެ އަމުރަށް އަމަލު ކޮށްފައި ވާތީ ކަމަށެވެ.
"އެ އަމުރު ނުވަތަ އެކި ފަރާތްތަކަށް ހޯމް މިނިސްޓްރީން ފޮނުވާފައިވާ ސިޓީ އާއި ފެކްސް ފަދަ ތަކެތި އެބަހުރި އެކަމާ ގުޅިގެން. އެހެންވީމަ އަޅުގަނޑުމެން ބަލަނީ އެއީ އަމުރު ކަމަށް. އެ އަމުރު ބާތިލް ކޮށްދިނުމަށް އަޅުގަނޑުމެން މި ދައުވާ ކުރަނީ. ސިވިލް ސާވިސް ގާނޫނުގެ ދަށުން މިނިވަން މުއައްސަސާއެއްގެ ގޮތުން ސިވިލް ސާވިސް ކޮމިޝަނުން ހިންގަން ޖެހޭ ކަންތައްތަކަށް ހުރަސްއެޅޭ އެގޮތަށް އެ ބޭފުޅާ އަމުރު ނެރުއްވާފައި ވާތީ. އެކަން ބާތިލް ކޮށްދިނުމަށް އެދި އަޅުގަނޑުމެން މި ހުށަހެޅީ،" ފަހުމީ ވިދާޅުވި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ޒިންމާދާރު އިސް ވެރިންގެ އެލަވަންސް ކަނޑާލުމަށް އެދި އެކި އޮފީސްތަކަށް ސިޓީ ފޮނުއްވާފައި ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީގެވެ. އަދި ޒިންމާދާރުވެރިން މިހާރު ނުތިބޭނެ ކަމަށާއި އެ ބޭފުޅުންނަށް އެލަވަންސް ދޭން ނުޖެހޭނެ ކަމަށް އެކި ޕްރޮވިންސްތަކުން އަތޮޅު އޮފީސްތަކަށާއި ރަށު އޮފީސްތަކަށް މެސެޖް ފޮނުވާފައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނެފައި ވަނީ ޒިންމާދާރު ވެރިންނާ ހަވާލު ކޮށްފައިވަނީ މަސްއޫލިއްޔަތެއް ކަމަށާއި އެ މީހުންނަށް ދޭނީ އެލަވަންސެއް ކަމަށެވެ.
މި އަހަރުގެ މޭ މަހު ވެސް ބައެއް ޕްރޮވިންސްތަކުގެ ސްޓޭޓް މިނިސްޓަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ޒިންމާދާރު ވެރިން ހަމަޖައްސާފައި ވަނީ ގާނޫނު އަސާސީ ނުވަތަ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް، ކޮމިޝަނުގެ ވަކި ބައެއްގެ އެޖެންޑާއެއް ކުރިއަށް ނެރުމަށް ކަމަށެވެ.
އެހެން ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނަނީ ޒިންމާދާރު ވެރިން ހަމަޖެއްސީ ސިވިލް ސާވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ގ) ގެ ދަށުން އެ ކޮމިޝަނަށް ލިބޭ ބާރުގައި ކަމަށެވެ. އޭގައި ބުނެފައި ވަނީ "ދިވެހި ސިވިލް ސާވިސްގެ މަގާމުތައް އުފައްދައި، އުވާލާނެ އުސޫލުތައް އެކުލަވާލުމާއި އެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މަގާމު އުފައްދައި އުވާލުމުގެ ކަންތައްތައް ހިންގުން" މިހެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ